އިންޑޮނޭޝިއާގައި ކުރިއަށްގެންދިޔަ "ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން" ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާކަމަށް އެޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭޕްރީލް މަހުގެ 28 އިން މެއި މަހުގެ 1 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، އިންޓަރނެޓް މެދުވެރިކޮށް އޮޅުވާލައިގެން ހިންގާ މުޢާމަލާތްތައް (ސައިބަރ ފްރޯޑް) ތައް ތަޙުގީގުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިސްމާޢީލާއި، ޑްރަގް ފައިނޭންސިންގ އިންވެސްޓިގޭޝަން ޔުނިޓްގެ ސީނިއަރ ސާޖަންޓް އާމިނަތު ޝިރާންކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެhttps://t.co/DMo0Adr8BP
— Maldives Police (@PoliceMv) May 6, 2026
މި ޕްރޮގްރާމުގެ ތެރެއިން، ސްކޭމްތައް ހިންގާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ރޭވުމާއި، އިންފޯމަންޓުންގެ އެހީތެރިކަން ފުރިހަމައަށް ހޯދުމާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް ހެކި ހޯދައި ރައްކާތެރިކުރުމުގެ ހުނަރުތައްވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދާނެ އުކުޅުތަކާއި، ސައިބަރ ފްރޯޑްގެ ތަހުގީގުތަކުގައި ބޭނުންކުރެވޭ ބައިނަލްއަޤުވާމީ ގާނޫނީ ވަސީލަތްތަކާ ގުޅޭގޮތުންވެސްވަނީ މައުލޫމާތު ދީފައެވެ.
ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ހިންގާ ސައިބަރ ކުށްތަކާއި މާލީ މުއާމަލާތްތަކުގެ ފްރޯޑް ހުއްޓުވުމަށްޓަކައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ.