މާލެ ރީޖަނަލް ލީގް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް 2 ގައި ހިމެނޭ ކްލަބް ޓީނޭޖުން ކުޅެން އޮތް ފަހު މެޗަށް، މެޗު ފެށުމަށް ބޭނުންވާ އަދަދަށް ކުޅުންތެރިން ހަމަނުކުރެވުމުން އެ ޓީމާ ދެކޮޅަށް ކުޅެން އޮތް ޔުނައިޓެޑް ހެންވޭރިއަންސް މެޗުން މޮޅުވެއްޖެއެވެ.
މި މެޗުން ހެންވޭރިއަންސް މޮޅުވީކަމަށް ކަނޑައަޅާފައިވާއިރު އެ ޓީމަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ލިބޭނެއެވެ.
މި ނަތީޖާއާއެކު ހެންވޭރިއަންސަށް ދެވަނަ ބުރުގެ ޖާގައެއް ލިބެނީ، ފަސް މެޗުން 11 ޕޮއިންޓާއެކުއެވެ.
މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ދެން ހޯދާ ޓީމެއް އެނގޭނީ މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު ކުޅޭ މެޗަށްފަހުއެވެ.
އެ މެޗުން މޮޅުވިޔަސް ނުވަތަ އެއްވަރުވިޔަސް ލޮރެންޒޯއަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. ދެވަނަ ބުރުގެ ޖާގައަކަށް ދެން ވާދަކުރަނީ މިވަގުތު ލޮރެންޒޯއަށްވުރެ އެއް މެޗު އިތުރަށް ކުޅެ، 10 ޕޮއިންޓު ހޯދާފައިވާ ޓެންޓް ސްޕޯޓްސް ކުލަބެވެ. ލޮރެންޒޯއަށް ވެސް 10 ޕޮއިންޓު ލިބިފައިވާއިރު ޓެންޓަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މުބާރާތުގެ ގްރޫޕް 1 އިން ދެވަނަ ބުރުގެ ޖާގަ ހޯދީ އެއްވަނައިގެ ގޮތުގައި ބިސްބުރު ސްޕޯޓްސް ކުލަބު އަދި ދެވަނައިގެ ގޮތުގައި ކްލަބް ޕީކޭއެވެ.
ދެވަނަ ބުރުގެ މެޗުތައް ފަށާނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ އެއްވަނައާއި ގުރޫޕު 1 ގެ ދެވަނައެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ އެއްވަނައާއި ގްރޫޕް 2 ގެ ދެވަނައެވެ.