ރާއްޖޭގެ ޙައްޖުވެރިންނަށް މިއަހަރުވެސް ފެންވަރު ރަނގަޅު ލޮޖިސްޓިކް ޚިދުމަތްތަކެއް ލިބޭނެކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވިދާޅުވެއްޖެއެވެ.
ސުބުލް އޮތޯރިޓީއަކީ ސަޢުދީ ޕޯސްޓްގެ ދަށުން، ދިވެހި ޙައްޖާޖީންގެ ލަގެޖު ޖިއްދާ އެއަރޕޯޓާއި ހޮޓަލާ ދެމެދު އުފުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ އޮތޯރިޓީއެވެ. އެއޮތޯރިޓީއާއި ޙައްޖު މިޝަނުން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޙައްޖު މިޝަން، ޙައްޖު ކޯޕަރޭޝަން އަދި ޚިދުމަތްދޭ ކުންފުނިން ބައިވެރިވިއެވެ.
މި ޚިދުމަތުގެ ބޭނުމަކީ ލަގެޖް ނެގުމުގެ ކަންކަމުގައި ޙާޖީންނާއި ކޯޕަރޭޝަނަށްވެސް ވަގުތު ހުސްކުރަން ނުޖެހި، ފަސޭހަކަމާއި އަވަސްކަމާއެކު އެޖެންޓެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމެވެ.
ފްލައިޓުން ފައިބައިގެން އެއަރޕޯޓުން ނިކުންނަގޮތަށް ޙާޖީން އަރާނީ ބަހަށެވެ. ލަގެޖުތައް ނެގުމާއި، ހޮޓަލަށް ފޯރުކޮށްދިނުމުގެ އެންމެހާ ކަންކަން ކުރާނީ އެ ކުންފުނިންނެވެ.
ބައްދަލުވުމަށްފަހު ދެއްވި އިންޓަވިއުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ މައްކާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ ޚިދުމަތްތައް މި ވޭތުވެދިޔަ އަހަރަށްވުރެ ފުރިހަމަކޮށް، އަވަސްކަމާއެކު މިއަހަރު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެޖެންޓު ދީފައިވާކަމަށެވެ. އެ ކުންފުނިން ވަނީ، މި ޚިދުމަތް މިއަހަރު ބޮޑުތަނުން އަވަސްވާނެހެން އެންމެހާ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާފައެވެ.
"ޙައްޖުވެރިންގެ ފޮށިތައް އެއަރޕޯޓުން އުފުލުމާއި ފުރުމަށް އެއަރޕޯޓަށް ގެންދާނީވެސް މި އެޖެންޓް މެދުވެރިކޮށް. މިޚިދުމަތަށް ޚާއްސަ އެޕެއްވެސް ކުންފުނިން ވަނީ ތަޢާރަފުކޮށްފައި. އެގޮތުން ކޮންމެ ފޮއްޓެއްގައި ޚާއްސަ ޓެގެއް އަޅުވާނެ. އަދި ޓެގު މެދުވެރިކޮށް މަޢުލޫމާތުތައް ޕާސްޕޯޓާއި ލިންކް ކުރާނެ. އެޖެންޓް މަޢުލޫމާތު ދެނީ ޙައްޖުވެރިން ހޮޓަލަށް ދިއުމުގެ ކުރިން ފޮށިތައް ހޮޓަލަށް ގެންދެވޭވަރަށް މަސައްކަތްތައް ގެންދާނެކަމަށް." އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވިއެވެ.
ސަޢުދީގެ އުސޫލުތަކާ އެއްގޮތަށް، މިދިޔަ އަހަރުވެސް ފޮށިތަކުގެ ލޮޖިސްޓިކް ކަންކަން ކުރިއަށް ގެންދިޔައީ އެޖެންޓެއް މެދުވެރިކޮށެވެ. މައްކާ ރޫޓްގެ ދަށުން ދަތުރުފަތުރުގެ އިންތިޒާމްތައް ދިވެހި ޙައްޖާޖީންނަށް ވަނީ ވަރަށް ބޮޑަށް ލުއިފަސޭހަކޮށްފައެވެ.
އެގޮތުން ޖިއްދާގައި އެއަރޕޯޓްގައި އިމިގްރޭޝަންގެ ކަންކަމަށް މަޑުކުރަން ނުޖެހި، އަވަހަށް އެއަރޕޯޓުން ނިކުމެގެން ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.