ކުޅިވަރު

އަގުބޮޑު، އަހަރެންނަށް ވެސް ވޯލްޑް ކަޕް ޓިކެޓް ނުގަނެވޭނެ: ޓްރަމްޕް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް އަގުބޮޑު ކަމުން އެމެރިކާ ކުޅޭ ބައެއް މެޗުތަކުގެ ޓިކެޓް އޭނާ އަށް ވެސް ނުގަނެވޭނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގެ ޓިކެޓް އަގުބޮޑު ކަމަށް ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. އޭނާ މިހެން ވިދާޅުވީ އެމެރިކާ އާއި ޕެރަގުއޭ ބައްދަލު ކުރާ މެޗުގެ ޓިކެޓްއަގާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި މެޗުގެ ޓިކެޓެއްގެ އަގު މިހާރު ވަނީ 1120 ޑޮލަރަށް އަރައިފަ އެވެ.

"ބައެއް ޓިކެޓްތައް އަގުބޮޑު. އަހަރެންނަށް ވެސް އެވަރެއް ނުދެއްކޭނެ. އަހަރެންނަކަށް ނޭނގެ ނަންބަރެއް. އެކަމަކު އަގުބޮޑު،" ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ ޓްރަމްޕް ވިދާޅުވި އެވެ.

ޓިކެޓް އަގު ބޮޑުކަމުން އެކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އަގުތައް ދިފާއު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފީފާއިން ޓިކެޓް ވިއްކަނީ އެމެރިކާގެ މާކެޓްގެ އަގުތަކަށް ބަލައިގެން ކަމަށެވެ.

"އަހަރުމެން ވޯލްޑް ކަޕް މި ބާއްވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ އޮތްތަނުގައި. އަހަރުމެން އަގު ކުޑަކޮށް ވިއްކައިފިނަމަ އެ ޓިކެޓް މާކެޓުގައި އެއަށްވުރެ މާބޮޑު އަގެއްގައި ވިއްކުމުގެ ފުރުސަތު އެބައޮތް. އެހެންވީމާ މާކެޓަށް ބަލައިގެން ޓިކެޓް މި ވިއްކަނީ. ދެން އޮންނާނީ ގޮތަކީ ރީސޭލް ކުރުން. އޭރުން ވެސް ޓިކެޓްގެ އަގު ކުޑަނުވާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ޓިކެޓްގެ އަގުބޮޑުވުމުގެ ޝަކުވާ ބޮޑަށް ކުރިމަތިވެފައިވަނީ އެމެރިކާގެ އެތެރޭގެ ހިދުމަތްތަކުގެ އަގު ވެސް މަތިވެފައިވާތީ އެވެ. މި ގޮތުން ދަތުރު ފަތުރާއި ހުރުމުގެ ހަރަދާއި ކާބޯތަކެތީގެ އަގު ވެސް މަތީ މަތިވެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.