ޚަބަރު

"ޤައުމީ ޓީމުގެ ކުރިއެރުމަށް 8 ބޯލާއި ސުނޫކާ މުހިއްމު"


  • "އިތުރު ބާވަތްތައް ތައާރާފްކޮށް ބައިނަލްއަގްވާމީ މުބާރާތްތައް ހޯސްޓްކުރުން މުހިންމު"

  • "ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުގެ އެއްބާރުލުން ދަނީ ލިބެމުން"

ކިއު ބޯލް ގޭމްސްގެ ތެރެއިން މިވަގުތު ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެންމެ މަޝްހޫރު އެއް ބާވަތަކީ ޗައިނީޒް އެއިޓް ބޯލް އާއި ސުނޫކާ ކަމަށާއި، ރާއްޖެއަށް މި ބާވަތްތައް ތައާރަފް ނުކުރެވިއްޖެނަމަ، މުބާރާތަކަށް ޤައުމީ ޓީމު ތައްޔާރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ޗެއާމަން އަހުމަދު ނާސިފް ވިދާޅުވެއްޖެއެވެ.

އެސޯސިއޭޝަނުގެ ޗެއާގެ މަގާމަށް، އައު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިފަހުން އައު ހިންގާ ކޮމިޓީން ކުރިޔަށް އޮތްތަނުގައި އެންމެ އިސްކަން ދެއްވާނެ ކަންކަން ޕީއެސްއެމް ނިއުސް އާއި ހިއްސާ ކުރައްވަމުން ނާސިފް ވިދާޅުވީ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި ޕޫލް ބިލިއާޑުގެ ވަސީލަތް ތިން ގުނަ އިތުރު ކުރުން ކަމަށެވެ. އަދި މިކަމަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

"ތިން ގުނައޭ އަޅުގަނޑު މި ދެންނެވީ، މިހާރު ދުނިޔޭގައި އަޅުގަނޑުމެންނަށް ފެންނަ އެންމެ މަޝްހޫރު ޓޯނަމަންޓްތަކުގެ ތެރޭގައި މިހިރީ ޗައިނީޒް އެއިޓް ބޯލް، ސްނޫކާ. އެއީ ސާކް ރީޖަނާއި، މެދު އިރުމައްޗާއި، އީސްޓް އޭޝިއާޔަށް ބެއްޔަސް ވަރަށް ބޮޑެތި އިނާމު ހުށަހެޅިފައި ހުރި އަދި މިހާރުގެ މާހައުލަށް އިތުރުވަމުންދާ ކިއު ސްޕޯޓްސްތައް. އެހެންވީމަ މި ކުޅިވަރުތައް އަޅުގަނޑުމެންގެ މާހައުލަށް ނުގެނެވިއްޖެނަމަ އަޅުގަނޑުމެން ތިބޭނީ ވަރަށް ތައްޔާރުނުވެވި ދެން އަންނަން ހުރި ބައިނަލްއަގްވާމީ މުބާރާތްތަކަށް، އެހެންވީމަ ކިއު ސްޕޯޓްސްގެ މި އައު ވައްތަރުތައް އަޅުގަނޑުމެންގެ ތެރެއަށް ގެނައުމަށް އަމާޒު ހިފައިގެން މިދަނީ" ނާސިފް ވިދާޅުވިއެވެ.


މިދައުރުގައި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމަށް އަދި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މިހާރަށްވުރެ ވަސީލަތްތައް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ އެސޯސިއޭޝަނުގެ ބޮޑު އަމާޒެއް ކަމަށްވެސް އޭނަ ފާހަގަކުރެއްވިއެވެ.

ނާސިފް ވިދާޅުވީ "الله އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސަޕޯޓްވެސް އެބަލިބޭ ސަރުކާރުން މި ކުޅިވަރު ކުރިއެރުވުމަށްޓައި ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް އެއްބާރުލުން ލިބޭ" ކަމަށެވެ.

ކިއު ގޭމްސްގެ އެކި ބާވަތްތައް އިތުރުކޮށް ދިވެހި ކުޅުންތެރިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ކުރެވޭ މަސައކްަތުގެ ދަށުން، މާލޭގައި ހުންނަ ޕޫލް ބިލިއާޑް ހޯލާއި، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ހޯލުގެ އިތުރުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިތުރު ފެސިލިޓީއެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ނާސިފު ވިދާޅުވިއެވެ.

ޕޫލް ބިލިއާޑުގެ އިތުރު ވައްތަރުތައްވެސް ރާއްޖެއަށް ގެނެވި ބައިނަލްއަގްވާމީ ފެންވަރަށް، ދިވެހި ކުޅުންތެރިން ގެނައުމަށްޓަކައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރިކަމަށެވެ. އެގޮތުން ބިލިއާޑް އެރީނާއެއް ގާއިުމުކޮށް ރާއްޖެއަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަށް ހޯސްޓް ކުރުމުގެ ފުރުސަތު ފަހިވާން ޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ "އިންޓަނޭޝަނަލް ސްޓޭންޑަށް އަޅުގަނޑުމެންގެ ކުޅުންތެރިން ގެނައުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތަކަކާއެކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް އިތުރަށް ބިލިއާޑްގައި އަދި ޗައިނީޒް ބިލިއާޑް މުބާރާތްތައް ހޯސްޓް ކުރުމުގެ އެރީނާއެއް އަޅުގަނޑުމެންނަށް ގާއިމުކުރެވިގެން ދިއުން" މިއީ އެސޯސިއޭޝަނުން ހާސިލުކުރަން ބޭނުންވާ ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

އެސޯސިއޭޝަނުން ދެކެނީ މެންބަރޝިޕް އިތުރުވެގެންދާއިރު އަދި ރާއްޖޭގައި މި ކުޅިވަރު ކުރިއަރަމުންދާ ސްޕީޑާއި އެއްވަރަށް އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މި ކުޅިވަރަށް އައު ޖީލެއް ބިނާކުރުމުގައިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ނާސިފު ފާހަގަކުރެއްވިއެވެ.

ނާސިފު ވިދާޅުވީ "އެހެންވީމަ މިވިސްނުމާއި އެއްކޮށް އަޅުގަނޑުމެން މިހާރު މިސްރާބު މި ބަދަލުކުރަނީ ހާއްސަކޮށް މިހާރު އަޅުގަނޑުމެންގެ މިކުޅިވަރު ކުރިއަރަމުން މިއަންނަ ސްޕީޑާއި އިންޓަނޭޝަނަލް އެރީނާގައި އަޅުގަނޑުމެންނަށް ފެންނަ ކަނެކްޝަންސްއާއި އެއްކޮށް އެހެން ހަރުފަތަކަށް މި ކުޅިވަރު ގެންދަން" ކަމަށެވެ.

އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ހަގު އުމުރުފުރާތަކުގެ ޓީމުތައް އުފެއްދުމަށް އެސޯސިއޭޝަނުން ސުކޫލުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ނާސިފު ވިދާޅުވިއެވެ.