ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕް މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
16 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. އެއީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމެވެ. މުބާރާތުގައި ޖުމްލަ 10 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރުފަހު 01:30 އިން 5:00 އަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ކުޅުން ފަށާނީ ފުނަ އަދި ކާނި ޓީމުންނެވެ. މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 16 އަދި 17 އަށެވެ. 18 ވަނަ ދުވަހު ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭގެ އެއް ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުއެވެ.
މިމުބާރާތަށްފަހު ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމުގެ 20 ކުޅުންތެރިޔަކު ސްރީލަންކާއަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ މަގްސަދަކީ ޒުވާން ޓީމަށް އިތުރު ތަމްރީނުތައް ހޯދައިދީ މެޗު ތަޖުރިބާ ހޯދައިދިނުމެވެ. ރާއްޖޭގެ ޒުވާން ޓީމު ލަންކާއަށް ފުރާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގައެވެ.
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އެންމެފަހުން ބާއްވާފައިވަނީ ރާއްޖެ ޖޫނިއާސް ކުރިކެޓް މުބާރާތެވެ. އެމުބާރާތުގެ ޗެންޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދިއިރު، ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ރެހެންދި ސްކޫލެވެ.