މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް ދުރާލާ ރައްކާތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިހާރު ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، މެޓް އިން ވިދާޅުވުމާ ގުޅިގެންނެވެ.
އެންޑީއެމްއޭއިން ވަނީ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރވިދާނެ ކަންކަން ހިއްސާކޮށްފައެވެ.
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާ ގެންގުޅޭ ތަކެތި (ދޮންނަ މެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން
- ބޭނުންނުކުރާ ކަރަންޓު ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދުން އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން
- މީގެ އިތުރުން ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތި ނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުން
މެޓު އޮފީހުން މިއަދު ވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 17:00 އާއި ހަމަޔަށް ހއ އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެންޑީއެމްއޭއިން ވަނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގުގުރައި ވިދާ ހޮނުއެޅުމުން ރައްކާތެރިކަން ހޯދުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.