ކުޅިވަރު

ވޯލްޑް ކަޕް ކުޅެން 10 ޝަރުތެއް އެބައޮތް: އިރާން


އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ކުޅެން 10 ޝަރުތެއް އިރާނުން ކުރިމަތިކޮށްފި އެވެ.

މުބާރާތަށް އޭޝިއާއިން ކޮލިފައިވެފައިވާ ގައުމުގެ ހުރިހާ މެޗެއް ވެސް ކުޅެން ޖެހިފައިވަނީ އެމެރިކާގަ އެވެ. ނަމަވެސް އެމެރިކާއިން އިރާނާ ދެކޮޅަށް ހަނގުރާމަ ކުރާތީވެ އެ ގައުމަށް ދިއުމަކީ ރައްކާތެރި ކަމަކަށް ނުވާތީވެ ފުޓްބޯޅައިގެ ބެލެނެވެރިޔާ ފީފާ އަށް 10 ޝަރުތެއް އިރާނުން ވަނީ ކުރިމަތި ކޮށްފަ އެވެ.

މި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އިރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެއްވެސް ޝަރުތެއް ނެތި ވިސާދިނުމާއި އިރާނުގެ ދިދަ ވިހުރާލުމަށް ހުރަސް ނޭޅުމާއި ގައުމީ ސަލާމް ޖެހުމަށް އިންކާރު ނުކުރުމެވެ. މީގެ އިތުރުން އެއާޕޯޓާއި ހޮޓަލުގައި ތިބޭއިރުގަ އާއި ޕްރެކްޓިހާއި މެޗު ކުޅެން ސްޓޭޑިއަމަށް ދަތުރުކުރާއިރު ފުލް ސެކިއުރިޓީ ދިނުމެވެ.

އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް މިހެން ވިދާޅުވީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ)ގައި އެއްވެސް އިރަކު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވިސާ ނުދޭނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ދީފައިވާތީ އެވެ. ހުދު މިކަމާހުރެ ތާޖަށް ވެސް އެމެރިކާ އާއި ކެނެޑާ އަށް އެތެރެވާން ވަނީ ވިސާ ނުދީފަ އެވެ.

ފީފާ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އިރާނުގެ އޮފިޝަލުން ކެނެޑާ އަށް ވަޑައިގަތުމަށްފަހު އެއާޕޯޓުގައި ތިއްބަވާފައި އެނބުރި ގައުމަށް ވަޑައިގަތީ ވެސް މި މައްސަލާގައި ތާޖުގެ ވިސާ ކެނެޑާ އަށް ދިޔަ ފަހުން ކެންސަލް ކުރުމުންނެވެ. އޭނާ އަކީ އައިއާރުޖީސީގެ ކުރީގެ މެމްބަރެކެވެ. އިރާނުގެ ސިފައިންގެ އެންމެ ގަދަ ލަޝްކަރު ކަމަށްވާ އައިއާރުޖީސީގައި މަސައްކަތް ކުރި ކުރީގެ ދެ އޮފިޝަލަކު ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނެ އެވެ. އެއީ މެހެދީ ތެރޭމީ އާއި އިހްސާން ހަޖްފާއީ އެވެ.

"ހުރިހާ ކުޅުންތެރިންނައި ޓެކްނިކަލް ސްޓާފުން ހާއްސަކޮށް އައިއާރުޖީސީގައި މަސައްކްތަކޮށްފައިވާ މަސައްކަތް ކޮށްފައިވާ ތެރޭމީ އާއި ހަޖްފާއީ އެއްވެސް މައްސަލައެއްނެތި ވިސާ ދޭން ޖެހޭނެ. އިރާނަކީ ކޮލިފައިވެފައިވާ ގައުމެއް. އެހެންވީމާ އިރާން ވޯލްޑް ކަޕް ކުޅެން އެހެން ބާރަކަށް އަތްގަދަ ހުރަސް އެޅިގެން ނުވާނެ" ތާޖް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އައިއާރުޖީސީގެ މެމްބަރަކަށް އެމެރިކާ އަށް އެތެރެވާން ވިސާ ނުލިބޭނެ ކަމަށް ކުރިން ބުނެފަ އެވެ. މިކަމާ ގުޅޭ ގޮތުން ފީފާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ވޯލްޑް ކަޕުގައި އީރާން ހިމެނެނީ ބެލްޖިއަމާއި މިސުރާއި ނިއުޒީލޭންޑާއެކު ގްރޫޕް ޖީގަ އެވެ. އެމެރިކާގެ މައްސަލާގައި އިރާނުގެ މެޗުތައް މެކްސިކޯ އަށް ބަދަލުކޮށްދޭން އިރާނާއި މެކްސިކޯއިން އެދުމުން ފީފާއިން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.