ޚަބަރު

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ޖަވާބު ފޮނުވައިފި


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އީރާނުން ދޭ ޖަވާބު ފޮނުވާފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ދިން ޖަވާބު ފޮނުވާފައިވަނީ، ސުލްޙައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނު މެދުވެރިކޮށް ކަމަށް އައިއާރުއެންއޭ ނޫހުން ބުންޏެވެ.

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ފެބްރުއަރީ 28ގައި ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެމެރިކާއިން ވަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ހުށަހަޅާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ދަށުން އީރާނުން 12 އަހަރުގެ މުއްދަތަށް ޔުރޭނިޔަމް މުއްސަނދިކުރުން ހުއްޓައިލައި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް އިޤުރާރުވާން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އޭގެ ބަދަލެއްގެ ގޮތުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވައިލައި، ހިފަހައްޓާފައިވާ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ މުދަލާއި ފައިސާ ދޫކޮށްލަން ޖެހޭނެއެވެ. އަދި، ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި، އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ދަތުރުފަތުރަށް ހުޅުވައިލުމަށް ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ހިމަނާފައިވެއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ދޭ ތެރެއަކުން ދަނީ ޙަމަލާތައް ބަދަލުކުރަމުންނެވެ.

މިގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ ޑްރޯން ޙަމަލާތައް އަމާޒުވެފައިވާކަމަށް ގަލްފުގެ ބައެއް ޤައުމުތަކުން ވަނީ ބުނެފައެވެ.

ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

އެއާ އެކު، މި ހަނގުރާމަ ނިމުމަކަށް ގެންނަން ޓްރަމްޕަށް ވަނީ ބައިނަލްއަޤުވާމީ ގޮތުން ވެސް ބޮޑެތި ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ.