ފާއިތުވި ހަފްތާ ބަންދުގެ ތެރޭގައި ގަލްފުގެ ގިނަ ޤައުމުތަކަކަށް ޑްރޯން ޙަމަލާތަކެއް އަމާޒުވެ، އެެމެރިކާއާއި އީރާނާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ޤަޠަރުން ބުނީ މުސައިޢީދު ބަނދަރު ސަރަޙައްދުން އެ ޤައުމުގެ ކާގޯ ބޯޓަކަށް ޑްރޯން ޙަމަލާއެއް ދީފައިވާ ކަމަށެވެ. އެ ޙަމަލާގެ ސަބަބުން އެ އުޅަނދުގައި ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް ފަހުން ވަނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއިން ވެސް ވަނީ އީރާނުން ދީފައިވާ ދެ ޑްރޯން ޙަމަލާއެއް އެ ޤައުމުން ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. އޭގެ އިތުުރުން ކުވައިތުން ވެސް ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދުގައި ޑްރޯންތަކެއް ޙަރަކާތްތެރިވަމުންދާ ކަން ފާހަގަވެ، އެ ޑްރޯންތައް ހުއްޓުވައިފައެވެ. މިއިން އެއްވެސް ޙަމަލާއެއްގައި މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
މި ޙަމަލާތައް ދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ޙަމަލާދިނުމުން ފެށުނު ހަނގުރާމަ މެދުކަނޑައިލުމަށް މިދިޔަ އޭޕްރިލް މަހުގެ 8ވަނަ ދުވަހު އެއްބަސްވުމެއް ޤާއިމްކޮށްފައި ވަނިކޮށެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ދަތިކުރަމުންދާއިރު، އެމެރިކާއިން ދަނީ އީރާނުގެ އުޅަނދުފަހަރު އެ ޤައުމުގެ ބަނދަރުތަކުން ލަފާފުރުމަށް ހުރަސްއަޅަމުންނެވެ. ފަހުގެ ދުވަސްތަކުގައި ޙަމަލާތައް އަނެއްކާ ވެސް ދެމުންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ އެއްބަސްވުން އަދި ވެސް ދެމިއޮތް ކަމަށެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި ގަލްފްގެ ޤައުމުތަކަށާއި އެ ސަރަޙައްދުން ބޯޓުތަކަކަށް ޙަމަލާ ދީފައިވެއެވެ. މެއި މަހުގެ 8ވަނަ ދުވަހު އެމެރިކާއިން ވަނީ އީރާނުގެ ދެ ތެޔޮ ޓޭންކަރަކަށް ޙަމަލާ ދީފައެވެ. އޭގެ ކުރިން، މެއި މަހުގެ 5ވަނަ ދުވަހު ޔޫއޭއީއިން ވަނީ އެ ޤައުމުށް އީރާނުގެ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ޖެހިޖެހިގެން ދެ ދުވަހު އަމާޒުވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު، އައިއާރްޖީސީއިން ވަނީ އެ ކަން ދޮގުކޮށްފައެވެ.
އައިއާރުޖީސީގެ ކަނޑުގެ ސިފައިން ވަނީ އީރަނުގެ ތެޔޮ ޓޭންކަރަކަށް ނުވަތަ ވިޔަފާރި އުޅަނދަކަށް ޙަމަލާއެއް ދީފި ނަމަ އޭގެ ރައްދުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ދުޝްމަނުންގެ ބޯޓުފަހަރަށް ޙަމަލާ ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް އިރު، ޓްރަމްޕް ގެންދަވަނީ ޞުލްޙަ ޤާއިމް ކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ޝަރުތުތައް އީރާނުން ޤަބޫލުނުކުރާނަމަ ނަމަ އެމެރިކާއިން އީރާނަށް އަލުން ވަރުގަދަ ޙަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވަމުންނެވެ. އެމެރިކާއިން ކުރާ ޝަރުތުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި އީރާނުގެ ނިއުކްލިކަރ މަޝްރޫޢު ހަނިކުރުން ހިމެނެއެވެ. ނަމަވެސް އީރާނުން އަދި ވެސް ދަނީ އެމެރިކާއިން ހުށަހަޅާފައިވާ 14 ނުކުތާގެ މައްޗަށް ހިމެނޭ ހުށަހެޅުމާމެދު ވިސްނަމުންނެވެ. އީރާނުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކުރުމާއި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުން ހިމެނެއެވެ.