ޚަބަރު

އޭވީސީ މުބާރާތެއްގެ ޓެކްނިކަލް ޓީމުގައި 3 ދިވެހިން


  • އެއީ އުޒްބެކިސްތާންގައި ބޭއްވި 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް

  • ޓެކްނިކަލް ޑެލިގޭޝަނުގައި ހިމެނުނީ އޭވީސީ ރެފްރީ ހުސެއިން، ބީޗް ވޮލީ ރެފްރީ އިސްމާއިލް އަދި ޑރ. ޝަކީބް

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން އުޒްބެކިސްތާނުގައި ބޭއްވި 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޓެކްނިކަލް ޓީމުގައި މަސައްކަތް ކުރުމުގެ ޝަރަފު ރާއްޖޭގެ 3 އޮފިޝަލުން ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އޮފިޝަލުންނަށް އޭވީސީގެ މި މުބާރާތުގެ ޓެކްނިކަލް ޓީމުގައި ދިވެހިން ހިމެނުނު ފުރަތަމަ ފަހަރެވެ.

އުޒްބަކިސްތާނުގައި މެއި 6 -10 އަށް ބޭއްވި މި މުބާރާތުގެ ޓެކްނިކަލް ޑެލިގޭޝަނުގައި ހިމެނުނު ތިން އޮފިޝަލުންނަކީ، ޓެކްނިކަލް ޑެލިގޭޓް، ރެފްރީ ހުސެއިން މުހައްމަދު، މުބާރާތުގެ ނިއުޓްރަލް ރެފްރީންގެ ޓީމުގައި ހިމެނުނު ރާއްޖޭގެ އިސްމާއިލް އަބްދުالله އަދި މެޑިކަލް ޑެލިގޭޓުގައި ޑރ. އަހުމަދު ޝަކީބެވެ.

އިންޓަނޭޝަނަލް ރެފްރީ ހުސެއިންއަކީ ބައިނަލްއަގްވާމީ ބީޗް ވޮލީ މުބާރާތްތަކުގެ އަމަލީ ތަޖުރިބާ ބޮޑު ރެފްރީއެކެވެ. އެފްއައިވީބީ ރެފްރީ އަދި އޭވީސީ ބީޗް ކޮމިޝަނުގެ މެންބަރު ހުސެއިން ވަނީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ޓެކްނިކަލް ޑެލިގޭޓްގެ ދައުރު އަދާކޮށްފައެވެ.

ރެފްރީ އިސްމާއިލް ވަނީ މިދިޔަ އަހަރު ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި މަސައްކަތްކޮށްފައެވެ. ޑރ. ޝަކީބަކީ ގިނަދުވަސްތަކެއް ވަންދެން ޤައުމީ ފުޓުބޯޅަ ޓީމުގެ މެޑިކަލް ޓީމުގައި އިސްދައުރެއް އަދާކުރި ސްޕޯޓްސް މެޑިސިންގެ ތަޖުރިބާކާރެކެވެ. މިއީ އޭވީސީ މުބާރާތެއްގެ ޓެކްނިކަލް ޓީމުގައި އޭނާ މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ވޮލީގައި ހާސިލުކުރެވުނު ތާރީހީ ކަމެއް ކަމެެވެ.

ރާއްޖޭގެ ބީޗް ވޮލީބޯޅަ އާއި އޭޝިއާ ސަރައްދުގެ ވޮލީބޯޅައިގައި މިފަދަ ތަޖުރިބާތައް ރާއްޖޭގެ އޮފިޝަލުންނަށް ލިބުމަކީ ރާއްޖޭގެ ވޮލީބޯޅައިގެ ކުރިއެރުމަށް ލިބޭ މުހިންމު ތަޖްރިބާތަކަކަށް ވާނެ ކަމަށް ވީއޭއެމް އިން ދެކެއެވެ.

އޭވީސީ 18 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ފިރިހެން ކެޓަގަރީގައި 25 އަދި އަންހެން ކެޓަގަރީގައި 23 ޓީމު ވާދަކުރިއެވެ.