ތައިލެންޑްގެ ސިޔާސީ މަސްރަޙުގައި ނުފޫޒުގަދަ ޝަޚުސިއްޔަތެއް ކަމުގައިވާ، ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތު، ކޮރަޕްޝަނުގެ މައްސަލައެއްގައި އިއްވާފައިވާ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމުގެ ތެރެއިން އަށް މަސް ދުވަސް ބަންދުގައި ހޭދަކުރެއްވުމަށްފަހު، ޕެރޯލްގެ ދަށުން މިއަދު މިނިވަންވެވަޑައިގަންނަވައިފިއެވެ. އުމުރުން 76 އަހަރުގެ ބިލިޔަނަރު ތަކްސިން ޖަލުން މިނިވަންކޮށްފައި ވަނީ މޭ 11 ގައެވެ. އޭނާއަށް މަރުޙަބާ ކިޔުމަށް އޭނާއަށް ތާޢީދުކުރާ އެތައް ސަތޭކަ ބަޔަކާއި، ޢާއިލާގެ މެންބަރުންނާއި، ސިޔާސީ އެކުވެރިން ޖަލު ކައިރިއަށް އެއްވެ، އޭނާ އޮތް ލޯބި ހާމަކޮށް އަޑުއުފުލާފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ ދަރިކަނބަލުން ޕޭޓޮންގްޓާން ޗިނަވާތު ހިމެނިވަޑައިގެންނެވިއެވެ.
ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ތައިލެންޑުގެ ސިޔާސީ މައިދާން ކޮންޓުރޯލު ކުރެއްވި ތަކްސިން ވަނީ 2001 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ. ނަމަވެސް، 2006 ވަނަ އަހަރު ހިންގި އަސްކަރީ ބަޣާވާތެއްގައި އޭނާ ވަނީ ވެރިކަމުން ދުރުކޮށްފައެވެ. އެއާއެކު، އަމިއްލައަށް އަރުވައިލެއްވިގެން ޤައުމުން ބޭރުގައި 15 އަހަރު ދުވަހު އުޅުއްވުމަށް ފަހު އޭނާ އެނބުރި ތައިލެންޑަށް ވަޑައިގެންނެވީ 2023 ވަނަ އަހަރުއެވެ. އެއިރު އޭނާގެ މައްޗަށް އިއްވާފައި އޮތް އަށް އަހަރު ދުވަހުގެ ޖަލު ޙުކުމް، ތައިލެންޑުގެ ރަސްގެފާނު ވަނީ އެއް އަހަރު ދުވަހަށް ލުއިކޮށްދެއްވާފައެވެ. އެނބުރި ޤައުމަށް ވަޑައިގަންނަވައި ޖަލުގައި މަދު ގަޑިއިރުތަކެއް ހޭދަކުރެއްވުމަށްފަހު، ހިތުގެ މައްސަލަތަކެއް ކުރިމަތިވެގެން ކަމުގައި ވިދާޅުވެ، އޭނާ ހަ މަސް ދުވަސް ހޭދަކުރައްވާފައި ވަނީ ހަސްފަތާލެއްގެ ވީއައިޕީ ވޯޑުގައެވެ.
ނަމަވެސް، ތައިލެންޑްގެ ސުޕްރީމް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފައިވަނީ، ތަކްސިން ހަސްފަތާލުގައި މަޑުކުރައްވާފައި ވަނީ ކޮންމެހެން ކުރަން ނުޖެހޭ އޮޕަރޭޝަންތަކެއް ބަހާނާއަކަށް ދައްކަވައިގެން ކަމަށާއި، ގަސްދުގައި ޖަލު ބަންދުން ރެކެވަޑައިގެންނެވުމަށް ކަމުގައެވެ. ތަކްސިން މިނިވަންކުރަން ނިންމާފައި ވަނީ، އޭނާގެ އުމުރަށާއި، ޖަލުގައި ބެހެއްޓެވި ރަނގަޅު އަޚުލާޤަށާއި، އަލުން ކުށަކަށް އަރައިގަތުމުގެ ފުރުޞަތު ކުޑަވުމަށް ރިޢާޔަތްކޮށް ކަމުގައި ކަނޑައެޅުމަށް ފަހުއެވެ. ނަމަވެސް، ޙުކުމުގެ ބާކީ އޮތް މުއްދަތުގައި އޭނާ ހުންނަވަންޖެހޭނީ އިލެކްޓްރޯނިކް އެންކަލް މޮނިޓަރެއް އަޅުއްވައިގެންނެވެ.
ތަކްސިންގެ ނުފޫޒު މިހާރު ކުޑަވެފައިވާއިރު، އޭނާގެ ފިޔު ތައި ޕާޓީއަށް މިދިޔަ ފެބްރުއަރީ މަހުގެ އިންތިޚާބުގައި ލިބުނީ ތިންވަނައެވެ. ނަމަވެސް، މިހާރު ވެރިކަން ކުރައްވާ ކޮންޒަރވެޓިވް ބޮޑުވަޒީރު އަނޫޓީން ޗާންވީރައްކޫންގެ ވެރިކަން ކުރާ އިއްތިޙާދުން ތަކްސިންގެ ޕާޓީއަށް ވަނީ ފުރުޞަތު ދީފައެވެ. 2024 ވަނަ އަހަރު ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ތަކްސިންގެ ދަރިކަނބަލުން ޕޭޓޮންގްޓާން އެ މަޤާމުން ދުރުކޮށްފައި ވަނީ ކެމްބޯޑިޔާގެ ކުރީގެ ވެރިޔާ ހުން ސެންއާއެކު ކުރެއްވި ފޯން ކޯލެއްގެ އޯޑިއޯ ލީކުކޮށްލުމާ ގުޅިގެން ތައިލެންޑުގެ ދުސްތޫރީ ކޯޓުންނެވެ. ޕޭޓޮންގްޓާންއަކީ ތައިލެންޑްގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ އެންމެ ޒުވާން ބޭފުޅާއެވެ.