ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންގެ ވިޔަފާރިތަކެއް ޔަހޫދީން ސުންނާފަތިކޮށްލައިފި


އިރުމަތީ ޤުދުސްއަށް އަތްގަދަ ކުރުމަށް ޔަހޫދީން ޒަމާނުއްސުރެ ހިންގަމުންދާ ޖަރީމާތައް އިތުރަށް ފުޅާކޮށް، އެތަނުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ވިޔަފާރިތަކަކަށް ގެއްލުންދީ، ސުންނާފަތިކޮށްލައިފިއެވެ.

ޤުދުސް ހިންގާ މައި އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކުން އިރުމަތީ ޤުދުސްގެ ސިނާއީ ސަރަޙައްދެއްގައި ފަލަސްޠީނުގެ ރައްޔިތުންގެ 40އަށް ވުރެ ގިނަ ވިޔަފާރިތައް ބިމާހަމަކޮށްލާފައިވާ ކަމަށެވެ.

އަދި އެ ޖަރީމާ ހިންގި ސަރަޙައްދަށް އެއްވި އާންމު ރައްޔިތުންގެ ތެރެއަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ވިޔަފާރިތައް އެ ސަރަޙައްދު ހުސްކުރުން މެއި މަހާ ހަމައަށް ހުއްޓުވައި ކޯޓު އަމުރެއް އޮތް ނަމަވެސް، ޔަހޫދީން ވަނީ އެ ސަރަޙައްދު ހުސްކުރުމަށް ތަފާތު އިންޒާރުތައްދީ ބިރު ދައްކައިފައެވެ.

މިގޮތުން، މި މަހުގެ 10ވަނަ ދުވަހާ ހަމައަށް އެ ސަރަޙައްދު ހުސްނުކޮށްފިނަމަ، މުޅި ސަރަޙައްދު ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު ޔަހޫދީންގެ ނިރުބަވެރި ފައުޖުން އޮތީ ދީފައެވެ.

އިރުމަތީ ޤުދުސް ޔަހޫދީން އިސްތިޢުމާރުކޮށްފައިވަނީ 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައެވެ. އަދި އޭގެ ފަހުން ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ވަނީ އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ނަމަވެސް އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ނިންމުމެއް ނޫނެވެ.

އިރުމަތީ ޤުދުސްއަކީ މުސްތަޤްބަލުގައި އުފައްދާ ފަލަސްޠީނުގެ މިނިވަން ދަޢުލަތުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ.

ނަމަވެސް އެކަމަށް ހުރަސްއެޅުމަށް، ޔަހޫދީން ވަނީ ތަކުރާރުކޮށް އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުންގެ ބިންތައް ފޭރި އެ މީހުންގެ ގެދޮރުން ނެރެ އިމާރާތްތައް ސުންނާފަތިކޮށްފައެވެ.

އޮކްޓޯބަރު 2023ގައި ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަޞްލު ހޭދަކުރުމުގެ ޖަރީމާތައް ޔަހޫދީން ފެށި ފަހުން، އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރިއަށް އަތްގަދަކުރުމުގެ މަސައްކަތް ޔަހޫދީން ވަނީ ފުޅާކޮށްފައެވެ.

މިގޮތުން، ހުޅަނގު އައްސޭރީގައި އެކަނިވެސް، އެއްހާހަށް ވުރެ ގިނަ މީހުން މި މުއްދަތުގެ ތެރޭގައި ވަނީ ޝަހީދުކޮށްލައިފައެވެ.