ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ޔުނައިޓެޑް ހެންވޭރިއަންސް ހޯދި މޮޅާއެކު، މި ބުރުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް، ޕްލޭއޮފްގެ ޖާގައަށް ހަމަހަމަ ފުރުސަތެއް ފަހިވެއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ހެންވޭރިއަންސް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ހެންވޭރިއަންސް އިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ 29 ވަނަ މިނެޓުގައެވެ. މިއީ ޓީމުގެ ކެޕްޓަން ޔަމީން އިބްރާޙީމް ނަގައިދިން ހުރަހަކުން، ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޝަހީމް އަބްދުލް ޤާދިރު ކާމިޔާބުކޮށްދިން ލަނޑެކެވެ.
ހެންވޭރިއަންސް އިން ލަނޑުޖަހައި ލީޑުނެގިތާ މިނެޓެއްފަހުން ލޮރެންޒޯއިން ވެސް ވަނީ ނުރައްކާތެރި ހަމަލާއަށް ފޮނުވާލާފައެވެ. އެގޮތުން އިބްރާޙީމް ހަމްދާން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ހެންވޭރިއަންސްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދާއިރު، ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ހެންވޭރިއަންސް އިންނެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެ ޓީމުގެ އަޙްމަދު އަފްލާޒް، ޑީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގައި ހެންވޭރިއަންސް އިން ދެވަނަ ލަނޑެއް ޖަހައި ލީޑުފުޅާކުރީ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިމްރާން މުޙައްމަދުއެވެ.
މި މެޗުން ލޮރެންޒޯ ބަލިވިއިރު މިއީ ދެވަނަ ޑިވިޝަނުގައި މިފަހަރުގެ މުބާރާތުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މި ބައްޔާއެކު ލޮރެންޒޯއަށް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ގެއްލުނުއިރު، ދެވަނަ ބުރުގައި ވާދަކުރާ ހަތަރު ޓީމަށް ވެސް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
އެހެންނަމަވެސް ކުޅުނު ދެ މެޗުން ޖެހި ތިން ގޯލާއެކު، ފައިދާ ގޯލުން ކުރި ލިބޭތީ ހެންވޭރިއަންސް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ބިސްބުރު އޮތްއިރު ތިންވަނައިގައި އޮތީ ކްލަބް ޕީކޭއެވެ. އަދި ފުލުގައި އޮތީ ލޮރެންޒޯއެވެ.
މުބާރާތުގައި ދެން ކޮންމެ ޓީމެއްގެ ވެސް ފަހު މެޗެވެ. އެ މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ކްލަބް ޕީކޭއާއި ޔުނައިޓެޑް ހެންވޭރިއަންސް އެވެ. އަދި އެރޭ ކުޅޭނީ ލޮރެންޒޯއާއި ބިސްބުރެވެ.
ފުރަތަމަ ޑިވިޝަނުގެ ޕްލޭއޮފްގެ ޖާގައެއް މާލެ ރީޖަން އިން ލިބޭނީ އެ މެޗުތައް ނިމޭއިރު ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށެވެ.