ތަރައްްޤީ

ފްލެޓްތަކުގެ ތިރީގައި ގުދަން ފަދަ ތަންތަން ހެދުމަކީ މަނާކަމެއް


ހުޅުމާލޭގެ އެއްމެދު އިމާރާތުގެ ތިރީގައި ޤަވާޢިދާއި ޚިލާފަށް ތަންތަން ހަދާ އެކިއެކި ބޭނުންތަކުގައި އެތަން ބޭނުންކުރުން ހުއްޓާލުމަށް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.

އެއްމެދު ޢިމާރާތުގައި ހިމެނޭ އާއްމު ބައިތަކާއި ވަސީލަތްތަކަކީ އެއިމާރާތެއްގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ މަސްލަޙަތު ހިމެނޭ ތަންތަނުގެ ގޮތުގައިވަނީ ބިމާއިބެހޭ ޤާނޫނުގައި ބަޔާންކޮށްފައެވެ. އެއްމެދު އިމާރާތްތަށް ބޭނުންކުރަންޖެހޭނީ މިއުސޫލުގެ ދަށުން ނަމަވެސް މިއުސޫލާއި ޚިލާފަށް ބައެއް ފަރާތްތަކުން އެތަންތަނުގައި ޤަވާޢިދާއި ޚިލާފަށް ޢަމަލުކުރަމުންދާކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ހުޅުމާލޭގައި ވަރަށް ގިނަ ޢަދަދެއްގެ ފްލެޓްތަކެއްގައި މީހުން ދިރިއުޅެމުންދާއިރު މިފަދަ މައްސަލަތަކާއި ޝަކުވާތައް ކަމާ ބެހޭ އިދާރަތަކަށް ދަނީ ލިބެމުންނެވެ.

ހުޅުމާލޭގެ މުނިސިޕަލް މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ސީނިއަރ ލީގަލް އޮފިސަރ ޢަބްދުﷲ ޢަލީ ވިދާޅުވީ ހުޅުމާލޭގެ ފްލެޓްތަކުގެ ތިރީގައި އޮންނަ ހުސް ޖާގަ އަކީ ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަކަށް އޮންނަންޖެހޭތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާތަންތަން ނަމަވެސް، ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ހުސްބިންތަކުގައި ގުދަންތައް ހަދައިގެން ބޭނުންކުރުމާއި، ބޮޑަށް ހެދޭ ގަސް އިންދާ އެތަންތަން ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތަށް އެތަންތަން ބޭނުންކުރުމުން މެއިންޓަނަންސް މަސައްކަތްކުރުމުގައި ދަތިތަކާއި ދިމާވަމުންދާކަމަށާއި، އަދި ނުރައްކާތެރި ހާދިސާއެއް ހިނގައިގެން ފްލެޓަށް ފަސޭހައިން ވަދެވޭނެގޮތް ހެދުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައިވެސް ހުރަސްތަކެއް ދިމާވާކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. އަދި މިއީ މިފަދަ ފަރާތްތަކުން މިކަންކަން ކުރުން ހުއްޓާލުމަށް ދެވޭ ފުރުޞަތެއްކަމަށާއި، މިފުރުޞަތުގައި އެކަން އިސްލާޙުކުރުމަށް އެޗްޑީސީ އިން އެދިވަޑައިގަންނަވާކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ.

އެޗްޑީސީ އިން ބުނީ މިފަދަކަންކަން ހުއްޓާލުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް އެފަރާތުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ސަރުކާރުން ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ ހުޅުމާލޭގައި މީހުން އާބާދުވާން ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ. 60،000 މީހުންގެ އާބާދީއަަކަށް އަމާޒުކޮށްގެން ތަރައްޤީކުރި ހުޅުމާލޭގައި، ފުރަތަމަ ފިޔަވަހީގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގިނަ ޢަދަދެއްގެ ހައުސިންގ ޔުނިޓްތަކެއް ވަނީ ޤާއިމުކޮށްފައެވެ.