ޚަބަރު

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށް


  • ކުށް ސާބިތުވި 2 މީހުންނަކީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ)

  • ނ. ވެލިދޫ / ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ)

  • 2 މީހުންވެސް ޖަލަށްލުމުގެ އިތުރުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވޭ

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޤާނޫނު ނަންބަރު 17/2011 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ)ގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށާއި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ)ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) އަދި ނ. ވެލިދޫ / ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ)ގެ މައްޗަށް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ދެކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ (ނ)ގެ ދަށުން އަޙްމަދު އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި 115 ވަނަ މާއްދާގެ (ނ)ގެ ދަށުން އަޙްމަދު އިބްރާހީމް 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ޤާނޫނު ނަންބަރު 12/2016 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު)ގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަޙްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި، 11 މަހާއި 5 ދުވަސް ކަމަށް ޙުކުމްގައި ކަނޑައަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ޙުކުމް އިއްވާފައިވަނީ، އިއްޔެއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ، 2024 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމައި، 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 105 ވަނަ މާއްދާގެ (ނ)ގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ނ. ވެލިދޫ / ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ)ގެ މައްޗަށްވެސް މި ކުށުގެ އުގޫބާތެއްގެ ގޮތުން، 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ. އަދި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ޙުސައިން އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ، 24 އަހަރާއި، 11 މަހާއި، 14 ދުވަސް ކަމަށް ޙުކުމްގައި ވަނީ ކަނޑައަޅާފައެވެ.

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޙުސައިން އިބްރާހީމް ހައްޔަރުކުރީ، 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ، 2022 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.