ޚަބަރު

ފުރަތަމަ މެޗުތައް އެއްވަރުވެ، ގުރޫޕް 1 އަދި 3 ފޯރިގަދަވެއްޖެ


  • އަމީނިއްޔާ އާއި އިސްކަންދަރު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި

  • ދަރުމަވަންތައާއި ގާފަރު ސްކޫލުގެ މެޗު ނިމުނީ 2-2 އެއްވަރުވެގެން

"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ، އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލު ބައްދަލުކުރި މެޗުގެ އިތުރުން ދަރުމަވަންތަ ސްކޫލާއި ގާފަރު ސްކޫލް ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުގެ ގުރޫޕް 1 އަދި ގުރޫޕް 3 ގެ ފޯރިގަދަވެއްޖެއެވެ.

އިސްކަންދަރާއި އަމީނިއްޔާ ބައްދަލުކުރި މެޗުގައި ގޯލެއް ފެނިފައި ނުވާއިރު، ދަރުމަވަންތަ ސްކޫލާއި ގާފަރު ސްކޫލް އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

މާފަންނު އެއްނަންބަރު ޓާފްދަނޑުގައި ކުޅުނު މެޗުގައި ގޯލެއް ފެނިގެންގޮސްފައި ނުވިނަމަވެސް، އަމީނިއްޔާ އާއި އިސްކަންދަރު، ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ބަލާހިތްވާފަދަ ރީތި ކުޅުމެކެވެ. އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް، ނުރައްކާތެރި ހަމަލާތަކެއް ދެޓީމުންވެސް ފޮނުވާލާފަވެއެވެ.

މިދެޓީމާއެކު ގުރޫޕް 3 ގައި ދެން ހިމެނެނީ ޢިމާދުއްދީން ސްކޫލެވެ. މިމުބާރާތުގައި ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ޓީމެކެވެ. އެހެންކަމުން މިނަތީޖާއާއެކު، ދެޓީމުވެސް މުބާރާތުގައި ކުރިއަށްދާން ބޭނުންވާނަމަ ބޮޑު ތަފާތަކުން ޢިމާދުއްދީން ސްކޫލްގެ މައްޗަށް ކުރިހޯދަން މަސައްކަތްކުރަން މަޖުބޫރުވާނެއެވެ.

ދަރުމަވަންތަ ސްކޫލާއި ގާފަރު ސްކޫލު ކުޅުނު، މެޗުގެ 16 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑުނަގާފައި ވަނީ ދަރުމަވަންތަ ސްކޫލުންނެވެ. މި ގޯލާއެކު 0-1 ގެ ލީޑެއްގައި ދަރުމަވަންތަ ސްކޫލުން ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ ފޯރިގަދަވެފައި ވަނީ މެޗުގެ ފަހު 10 މިނެޓުގައެވެ. އެގޮތުން، ދަރުމަވަންތަ ސްކޫލުން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ނަމަވެސް އޭގެ އެންމެ މިނެޓެއް ފަހުން ގާފަރަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. ގާފަރު ސްކޫލުގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ، މެޗުގެ 38 ވަނަ މިނެޓުގައެވެ.

އެހެންކަމުން މިނަތީޖާއާއެކު، މި ދެޓީމަށްވެސް މިވަނީ ގުރޫޕުގައި ދެން ހިމެނޭ ޓީމު ކަމަށްވާ ހިރިޔާ ސްކޫލާ ދެކޮޅަށް ބޮޑު ނަތީޖާއެއް ނެރެން މަޖުބޫރުވެފައެވެ.