ކުޅިވަރު

ސްޕޭނަށް އަނިޔާގެ މައްސަލަ: ޔަމާލާއި ނިކޯ ފިޓްނުވިޔަސް ޓީމަށް ނަގާނެ


ވޯލްޑް ކަޕަށް ތައްޔާރުވާއިރު ސްޕޭނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތައް ކަމަށް ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފި އެވެ.

އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފާށާ މުބާރާތަށް ސްޕޭންގެ ސްކޮޑް މި މަހުގެ ފަހު ކޮޅު ފައިނަލް ކުރާނެ އެވެ. ކޯޗު ބުނީ އަނިޔާގައި ތިއްބަސް ޓީމުގައި ހިމަނާނެ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެއީ އެތްލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް އާއި ބާސެލޯނާގެ ލަމީން ޔަމާލް އާއި މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މި ކުޅުންތެރިންގެ ތެރެއިން ޔަމާލާއި ނިކޯ ފަހަރުގައި ވޯލްޑް ކަޕުގައި ސްޕޭން ކުޅެން ޖެހޭ ފުރަތަމަ މެޗަށް ފިޓް ނުވެދާނެ އެވެ.

"އަހަރެން އުއްމީދު ކުރަނީ އެ ދެ ކުޅުންތެރިން ފިޓްވާނެ ކަމަށް ފުރަތަމަ މެޗަށް. ރިކަވަރީގައި އިތުރު މައްސަލައެއް ދިމާނުވާނަމަ ޔަގީނުން ވެސް ދެ ވަނަ މެޗަށް އެ މީހުން ފިޓްވާނެ. އެހެންވީމާ އެ މީހުން ޓީމުގައި ތިބޭނެ،" އެންމެ ފަހުގެ ޔޫރޯ ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

ނިކޯ އާއި ޔަމާލް އަދި ރޮޑްރީ އަކީ މީގެ ދެ އަހަރުގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޭން ކާމިޔާބު ކުރި ޓީމުގެ މުހިންމު ތިން ކުޅުންތެރިންނެވެ. މީގެ ތެރެއިން ނިކޯ އާއި ރޮޑްރީ މި ސީޒަނުގެ ބޮޑު ހޭދަކުރަން ޖެހިފައިވަނީ އަނިޔާގަ އެވެ. ޔަމާލް ވެސް ދޭތެރެދޭތެރެއިން އަނިޔާގެ މައްސަލަތަކާ ކުރިމަތިވި އެވެ.

"ނިކޯ އަށް ބަލާއިރު ތެދެއް. އޭނާގެ އަނިޔާ ސީރިއަސް. ވަރަށް އުނދަގޫ ސީޒަނެއް އޭނާ މި ނިންމަނީ. އެކަމަކު ވެސް އަހަރުމެން އޭނާ އަށް އިތުބާރު ކުރަން. ސަބަބަކީ އޭނާ ފިޓްކޮށް ހުރެފިނަމަ އެއީ ޔަގީނުން ވެސް 11ގައި ކުޅޭނެ މީހަކަށްވާނެތީވެ. ދެން ލަމީން ވެސް އުޅެނީ ފަޔަށް ތަދުވެގެން. ރޮޑްރީ ފުލް ފިޓްނަސް އަށް އަންނަން ވަގުތު ނަގާނެ އެކަމަކު އެ އަންނަނީ ފިޓްވަމުން،" ކޯޗު ބުންޏެވެ.

ވޯލްޑް ކަޕުގައި ސްޕޭން ހިމެނެނީ ކޭޕްވާޑޭ އާއި ސައޫދީ އަރަބިއާ އާއި އުރުގުއޭއާއެކު ގްރޫޕް އެޗްގަ އެވެ.

"މިއީ ދިގު މުބާރާތެއް. އެހެންވީމާ ފުރަތަމަ މެޗަށް ފިޓްނުވިޔަސް މުހިންމު ކުޅުންތެރިން ޓީމުން އުނި ނުކުރާނެ. އަހަރެން މިދަނީ މިހާރު ޓީމު ފައިނަލް ކުރަމުން،" ކޯޗު ބުންޏެވެ.