ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލި ފަހުން، ޙިޞާރުކޮށް އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އާދަޔާޚިލާފަށް އިތުރުކޮށް، ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ޖަމުޢިއްޔާއަކުން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ އޮޕަރޭޝަންތައް މޮނިޓަރުކުރާ އޭސީއެލްއީޑީން ނެރުނު ރިޕޯޓެއްގައި ބުނީ، މާރިޗު މަހާ އަޅައިބަލާއިރު އެޕްރީލު މަހު ޔަހޫދީން ޣައްޒާއަށް ދިން ޙަމަލާތައް %35 އިތުރު ކޮށްފައިވާ ކަމުގައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ، އެޕްރީލު 8 ވަނަ ދުވަހު އެމެރިކާއާއި އީރާނުން ޙަމަލާތައް މެދުކަނޑައިލިި ފަހުން ވޭތުވެދިޔަ ފަސް ހަފުތާގެ ތެރޭގައި ޔަހޫދީން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 120 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އަށް އަންހެނުންނާއި 13 ކުޑަކުދިން ހިމެނޭއިރު، މިއީ އީރާން ހަނގުރާމައިގެ ޙަމަލާތައް ކުރިއަށްދިޔަ ދުވަސްވަރާ އަޅައިބަލާއިރު %20 އިތުރު އަދަދެއް ކަމުގައި އޭސީއެލްއީޑީން ހާމަކުރިއެވެ.
"ހަނގުރާމަ އަދިވެސް ދަނީ ކުރިއަށް،" ޚާން ޔޫނިސްގެ ސުންނާފަތިވެފައިވާ އިމާރާތެއްގެ ދަށުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތަކު ބުންޏެވެ. އޭނާ ބުނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓައިލާފައިވާ ކަމުގައި ކަރުދާހުގައި ލިޔެފައި އޮތް ނަމަވެސް، ޙަޤީޤަތުގައި ޔަހޫދީިންގެ ލާއިންސާނީ ޖަރީމާތަކާއި ނިރުބަވެރި ޙަމަލާތައް މެދުކަނޑައިލާފައި ނުވާ ކަމުގައެވެ.
ޣައްޒާ ޤަތުލުޢާންމު ހުއްޓައިލާފައިވާ ކަމުގައި އޮކްޓޫބަރު މަހު ޔަހޫދީން ބުނި ނަމަވެސް، އެ ސަހަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީ ފައުޖުގެ ހައްދުފަހަނައެޅި ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި، އެ ބިންތަކުގައި ހުރި ފަލަސްޠީނުގެ ރައްޔިތުންގެ ގޮދާއި އިމާރާތްތައް ޔަހޫދީ ސިފައިން ދަނީ ސުންނާފަތިކޮށް، ބިމާ ހަމަކުރަމުންނެވެ.
އެމެރިކާއާއި ޤަޠަރު މެދުވެރިވެގެން ވީ އެއްބަސްވުމުގެ ދަށުން ޔަހޫދީ ފައުޖުން ދެމުންދިޔަ ޙަމަލާތަކުގެ ބޮޑު ބައެއް މަޑުޖައްސައިލާފައިވީ ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާއިން 850 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އެތައް ހާސް ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. އެ މުއްދަތުގެ ތެރޭގައި ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން ވަނީ ޔަހޫދީ ސިފައިންގެ ހަތަރު މީހުން މަރައިލާފައެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރުމުގެ މަސައްކަތް ޔަހޫދީން ފަށާފައިވާ މި ދަނޑިވަޅުގައި، ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވެސް ވަނީ އިތުރުކޮށްފައެވެ. ލުބްނާންގެ ދެކުނުގެ ބައެއް ސަރަޙައްދުތައް ޙިޞާރުކޮށް، ޔަހޫދީ ސިފައިން ދަނީ އެ ސަރަޙައްދުތަކުގައި ޖަރީމާތައް ހިންގަމުންނެވެ. ލުބްނާނަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އެމެރިކާއިން މެދުވެރިވެގެން ޔަހޫދީން "ނަމެއްގައި" އެއްބަސްވި ނަމަވެސް، އެއްގަމާއި ވައިގެ މަގުން ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދެމުންދާ ޙަމަލާތައް މެދުކަނޑައިލާފައެއް ނުވެއެވެ.