އެމެރިކާއަށް އީރާނުން އެއްވެސް އިތުބާރެއް ނެތް ކަމަށާއި، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި އީރާނުން ބައިވެރިވާނީ، އެކަން ޙަޤީޤަތުގައި ވެސް އެމެރިކާއިން ބޭނުންވެގެން މަޝްވަރާގެ މޭޒަށް އައުމުން ކަމަށް، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ކުރިއަށްދާ ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ޢަރާޤިޖީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުޞަތު ދެވޭނީ، އީރާނުގެ އަސްކަރިއްޔާގެ ޙުއްދަ ހޯދައިގެން، އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރާ ޤައުމުތަކުގެ އުޅަނދު ފަހަރަށެވެ.
މިދިޔަ ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމަ އާއެކު އީރާނުން ވަނޫ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދަުއުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ޕާކިސްތާނުގެ މެދުވެރިވެގެން، އެމެރިކާ އާއި އީރާނާ ދެމެދު ޙަމަލާތައް ބަދަލުކުރުމުގެ އެއްބަސްވުމަކަށް މިދިޔަ މަހުގެ ތެރޭގައި ޢަމަލުކުރެވެމުންދިޔަ ނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް އަދި އެއްވެސް އަލި މަގެއް ނުލިބެއެވެ.
މިގޮތުން، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން ގެންނަން ހުށަހެޅި ބަދަލުތައް އެމެރިކާއިން ވަނީ ބަލައިނުގަންނާނެކަމަށް ބުނެފައެވެ. ޢަރާޤިޖީ ވިދާޅުވީ، އެމެރިކައިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަމުން ދިޔުމުގެ ސަބަބުން، އެމެރިކާގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ސުލްޙައިގެ މަޝްވަރާތައް "އުނދަގޫ" ޙާލަތެއްގައި އޮތް ނަމަވެސް، މަޝްވަރާގެ ތެރެއިން ޙައްލެއް ހޯދުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާގެ ތެރެއިން ޙައްލެއް ހޯދަން އީރާނުން ފުރުޞަތު ދީގެން އޮތް ނަމަވެސް، ހަނގުރާމަ އަލުން ފަށަން އީރާނުން ޖެހިލުމެއް ނުވާނެކަމުގެ އިންޒާރު ވެސް ޢަރާޤިޖީ ދެއްވިއެވެ.