ކޮލެޖް އަދި ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެމްއެންޔޫއެސްޔޫ (މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން) ފުޓްސަލް ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ބިސްނަސް ސްކޫލުންނެވެ. ބިސްނަސް ސްކޫލުން ފައިނަލް މެޗު ކާމިޔާބުކުރީ ވިލާ ކޮލެޖުގެ މައްޗަށް 3-1 އަކުން ކުރިހޯދައިގެންނެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ބިސްނަސް ސްކޫލުން ޖެހި ޖެހިގެން ހޯދި 3 ވަނަ އަހަރެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމްވެސް ހޯދީވެސް މަރިޔަމް މަލާކް ޝަކީބެވެ.
އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މޯލްޑިވްސް ބިސްނަސް ސްކޫލްގެ މަރިޔަމް މަލާކް ޝަކީބް، މަރިޔަމް މަލްދާ، މަރިޔަމް ސާއިނާ، ވިލާ ކޮލެޖުގެ މަރިޔަމް މަލްޝާ ޝަމީމް އަދި ފާތިމަތު ނިހާމާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހޯދީ މޯލްޑިވްސް ބިސްނަސް ސްކޫލުންނެވެ. މިއީ ބިސްނަސް ސްކޫލުން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ބިސްނަސް ސްކޫލުން ފައިނަލް މެޗު ކާމިޔާބުކުރީ މެޕްސް ކޮލެޖާއި ވާދަކޮށް 4-0 އަކުންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބިސްނަސް ސްކޫލްގެ އިބްރާހިމް ހާމިދެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ހޯދީ މައިންޒް ކޮލެޖުގެ މުހައްމަދު މިންވާލްއެވެ.
އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މޯލްޑިވްސް ބިސްނަސް ސްކޫލްގެ އިބްރާހިމް ހާމިދާއި ކައިސަން ބިން ހިސާން އަދި މުހައްމަދު ތޯހިރާއި މެޕްސް ކޮލެޖުގެ ސައިފް އަލީ އަދި ޖަމްޝާދު ޖައުފަރެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދެވެ.