ތަރައްްޤީ

ދިވެހި ފެން ކުންފުނި- އިޖްތިމާޢީ ޒިންމާ އަދާކުރުމުގައި ނަމޫނާއެއް


ކުންފުނިތަކުން ސީއެސްއާރު ނުވަތަ އިޖްތިމާޢީ ޒިންމާގެ ދަށުން، ތަފާތު އެކި ޙަރަކާތްތައް ހިންގައެވެ. އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ ޙަރަކާތްތަކަކީ ރާއްޖޭގެ ގިނަ ކުންފުނިތަކަކުން ހިންގަމުންދާ ޙަރަކާތްތަކެއްކަން ފާހަގަކުރެވެއެވެ.

ކުންފުނިތަކުން ހިންގާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ސީއެސްއާރު ޕްރޮޖެކްޓްތަކުގެ ދަށުން މުޖުތަމަޢަށް އެކި އެކި ޚިދުމަތްތައް ފޯރުކޮށްދީ، މުޖުތަމަޢާއެކު އޮންނަ ގުޅުން އެކުންފުނިތަކުން އަންނަނީ ބަދަހިކުރަމުންނެވެ. މިގޮތުން ދިވެހި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ހިންގާ ސީއެސްއާރު ޕްރޮޖެކްޓްތައް ފާހަގަކޮށްލެވެއެވެ.

އެކުންފުނިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައިވެސް ސީއެސްއާރު ޕްރޮޖެކްޓްތަކުގެ ގޮތުގައި އެކި ދާއިރާތަކުން މުޖުތަމަޢަށް އެހީތެރިވެދީފައެވެ. މިގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާގެ ޑިޒައިނިންގ މަސައްކަތްކުރުމާއި، ސޯލަރ ޕީވީތައް ލިބިދިނުމާއި، ކޮމިއުނިޓީ ޑޭގެ ގޮތުގައި ރަށްރަށުގައި ކުރިއަށްގެންދާ ޙަރަކާތްތައް ހިމެނެއެވެ.

އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ފެންވެރުމަށް އިސްކުރުބަރިއެއް ޤާއިމުކުރުމާއި، ދިމާވާ އެކިއެކި ކާރިސާތަކާއި ގުޅިގެން އެހީ ފޯރުކޮށްދިނުންވެސް އެކުންފުނިން ހިންގާފައިވާ ސީއެސްއާރު ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14758579054345.jpg|އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ- އެމްޑަބްލިއުއެސްސީން ހިންގި ކޮމިއުނިޓީ ހަރަކާތެއްގެ ތެރެއިން- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓްތައް އިތުރުކޮށް ފުޅާކުރުމަށް މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

1995 ވަނަ އަހަރު ޤާއިމުކުރެއްވި އެމްޑަބްލިޔުއެސްސީން ވަނީ ވޭތުވެދިޔަ އަހަރުގެތަކުގައި އެކުންފުނީގެ ޚިދުމަތްތައް ފުޅާކޮށްފައެވެ.