ޚަބަރު

އިންވިކްޓޯ އަދި މެޓްރިކްސަށް މޮޅެއް


  • އާޖީލަކަށް މެޗު ކާމިޔާބުކުރީ އެމްވީ ނެޓާސް އާއި ވާދަކޮށް 44-15

  • އިންވިކްޓޯ ސްޕޯޓްސް ކްލަބުން ބްލެކް ޕެންތަރސްގެ މަށްޗަށް ކުރިހޯދީ 27-17

  • ކްލަބް މެޓްރިކްސް ވަނީ 57-05 ގެ ބޮޑު ފަރަގަކުން ފިއޯންތީ އެސްސީ ބަލިކޮށްފައި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 25 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ދެވަނަ ދުވަހުގެ މެޗުތައް އާޖީލަކަށް، އިންވިކްޓޯ އެސްސީ އަދި ކްލަބް މެޓްރިކްސްއިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު ހަވީރު ކުޅުނު ފުރަތަމަ މެޗަކީ ގްރޫޕް އޭ ގެ މެޗެކެވެ. އާޖީލަކަށް އަދި އެމްވީ ނެޓާސް ވާދަކުރި މިމެޗު ފަސޭހަކަމާއެކު 44-15 އިން އާޖީލަކަށް ގެންދިޔައިރު، މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ސެންޓަރ މަލަކް އިސްމާއިލް މުހަންމަދުއެވެ.

ގްރޫޕް އޭގައި ވާދަކުރަމުންދާ އެސްސީ ސްކައިލާކް އަދި ކޭވައިއާރްސީ ގެ މެޗެއް އިއްޔެއަށް ތާވަލުކޮށްފައިވީނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެމެޗުވަނީ ފަސްކޮށްފައެވެ.

ރޭ ކުރިއަށް ދިޔަ ދެ މެޗަކީ ގްރޫޕް ބީ ގެ ދެ މެޗެވެ. އެގޮތުން އިންވިކްޓޯ ސްޕޯޓްސް ކްލަބާއި ބްލެކް ޕެންތާސް ސްޕޯޓްސް ކްލަބް ވާދަކުރި މެޗު 27-17 އިން އިންވިކްޓޯ ކާމިޔާބުކުރިއިރު އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިންވިކްޓޯގެ ޒީވާ ޒީކް އާރިސްއެވެ.

އިއްޔެ ރޭގެ ފަހު މެޗުގައި ކްލަބް މެޓްރިކްސްއިންވަނީ 57-05 ގެ ބޮޑު ފަރަގަކުން ފިއޯންތީ އެސްސީ ބަލިކޮށްފައެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ މެޓްރިކްސްގެ ހަމްނާ ޢަބްދުއްރަޙްމާންއެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ހަތަރު ވަނަ ދުވަހުގެ ކުޅުން މިއަދަށް ތާވަލުކޮށްފަވާއިރު، މިއަދު ކުޅޭނީ ގްރޫޕް ސީގެ ދެ މެޗާއި، ގްރޫޕް ޑީ އަދި ގްރޫޕް އޭ ގެ މެޗެކެވެ. އެގޮތުން ފުރަތަމަ މެޗުގައި ޒެނިތް އެސްސީ އަދި އެން ސްޕޯޓްސް އެކެޑެމީ ވާދަކުރާއިރު، ދެވަނަ މެޗުގައި ޔޫތް ޔުނައިޓެޑް އެސްސީ ނުކުންނާނީ ޔުނައިޓެޑް ޔުނިޓީއާ ދެކޮޅަށެވެ. އަދި ކްލަބް އެން ސްޕޯޓްސް އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު ފަހު މެޗުގައި ބައްދަލުކުރާނީ އާޖީލަކަށް އަދި ކޭވައިއާރްސީއެވެ.

އިންވިކްޓޯ އެސްސީ، ފިއޯންތީ އެސްސީ، ބްލެކް ޕެންތާސް އެސްސީ އަދި ކްލަބް މެޓްރިކްސްއެވެ. އަދި ގްރޫޕް ސީ ގައި ޒެނިތް އެސްސީ، ޔޫތް ޔުނައިޓެޑް އެސްސީ، އެން ސްޕޯޓްސް އެކެޑެމީ އަދި ޔުނައިޓެޑް ޔުނިޓީ އެސްސީ ވާދަކުރާއިރު ގްރޫޕް ޑީ ގައި ހިމެނެނީ ކްލަބް އެން ސްޕޯޓްސް، އެސްސީ ޝައިނިން ސްޓާރ އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ ކުޅުން މިހާތަނަށް މާފަންނު ސްޓޭޑިއަމްގެ ސިންތެޓިކް ކޯޓުގައި ކުރިއަށްދިޔަނަމަވެސް. މާދަމާއިން ފެށިގެން 21 ވަނަ ދުވަހާއި ހަމައަށް މެޗުތަކުގެ ކުޅުން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.