ޚަބަރު

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ


  • ނިޔާވީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ

  • އޭނާ ނިޔާވީ ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާކަމަށެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ޙާދިސާއާގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓާފައެވެ.

ގެއްލުނު ޑައިވަރުން ހޯދުމަށްޓަކާ ސިފައިން އަންނަނީ ހައި ރިސްކް އޮޕަރޭޝަނެއް ހިންގަމުންނެވެ.