ޚަބަރު

ނަކްބާއަކީ ނަސްލު ހޭދަ ކުރުމުގެ ޖަރީމާއެއް ކަމަށް ކަނޑައަޅަން ގޮވާލައިފި


އަލް-ނަކްބާ ނުވަތަ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަ ކުރުމަށް ހިންގި ޖަރީމާއެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅަން، ފަލަސްޠީނުން ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލައިފިއެވެ.

1948ވަނަ އަހަރުގެ ނަކްބާގައި, ޒަޔަނިސްޓުންގެ އިސްރާއީލް އުފެއްދުމަށް, ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, 760,000އެއްހާ މުސްލިމުންގެ ގެދޮރު ނެތިކޮށްލިއެވެ. އަދި, އެ މީހުންގެ ބިންތަކުން އެ މީހުން ބޭލިއެވެ. އަދި، ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އެހެން ޤައުމުތަކުގައި ޤާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކަށް ބަދަލު ކުރިއެވެ. އެ މީހުންނާއި, އެ މީހުންގެ ޢާއިލާތަކާއި ދަރިފަސްކޮޅު މިހާރު ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭމްޕުތަކުގައެވެ. ނަކްބާގެ އެއް މާނައަކީ މުސީބާތެވެ. އެ ދުވަހަކީ, ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތިވި ބޮޑު މުސީބާތެއްގެ ފެށުމުގެ ގޮތުގައި އިސްލާމީ އުންމަތުން ގަބޫލު ކުރެއެވެ. އެ މުސީބާތަކީ ޔަހޫދީންގެ ދަޢުލަތެވެ.

މެއި 15ވަނަ ދުވަހު ފާހަގަކުރާ އެ ދުވަހާ ގުޅުވައިގެން، ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، 1948ގައި ފަލަސްޠީނުގެ ނަސްލު ހޭދަ ކުރުމަށް ޔަހޫދީން ފެށި ޖަރީމާތައް މިއަދާ ހަމައަށް ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށެވެ.

އަދި ނަކްބާއަކީ، ފަލަސްޠީނުގެ ނަސްލު ހޭދަ ކުރުމަށް ޔަހޫދީން ހިންގި ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް އަލުން އަނބުރާ ހޯދައި ދިނުމަށް އެ ބަޔާނުގައި ދުނިޔެއަށް ވަނީ ގޮވާލައިފައެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޒިންމާއެކެވެ.

ނަމަވެސް، މީގެ 78 އަހަރު ކުރިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ފެށި ޖަރީމާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާއިރު، އެންމެ އަސާސީ ޙައްޤުތަކުން ވެސް ފަލަސްޠީނުގެ ރައްޔިތުން މަޙްރޫމްކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ޢުދުވާނު ފެށި ފަހުން، މިހާތަނަށް 80،000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މުޅި ޣައްޒާ އެކީގައިހެން ސުންނާފަތިކޮށް، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މީގެއިތުރުން ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސްއަށް ވެސް ރޭޑު ޖަހައި، ލާއިންސާނީ އަމަލުތައް ހިންގުން ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ.

މިގޮތުން، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ވަޒަންވެރިން އިތުރުކުރުމަށް، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެ، މުދަލުގައި ރޯކޮށް، ޔަހޫދީން ދަނީ ގެއްލުންތައް ދެމުންނެވެ.