ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 343 ދަރިވަރުން ދަސްވެނިވެފައިވަނީ މިއަދުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް މަރުޙަބާ ދަންނަވާފައެވެ. ރައީސްގެ ޕޯސްޓުގައި ވަނީ، ދަސްވެނިވި ދަރިވަރުންގެ ތެރެއިން 112 ރަށަކުން 343 ދަރިވަރުން ހިމެނޭ ކަމަށެވެ. މީގެ ތެރެއިން 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނެއެވެ. މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނެއެވެ.
Congratulations to all the graduates of the second batch of National Service programme!
— Dr Mohamed Muizzu (@MMuizzu) May 17, 2026
(A total of 343 graduates from 112 islands - 113 under 18years, 230 over years of age. Out of the 343, 280 are males, 63 are females). pic.twitter.com/2q1BswKeLE
ދެވަނަ ބެޗުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ ޖަނަވަރީ މަހުގެ 31 ފެށިގެން 3 މަސް ދުވަހަށެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ.އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ބުރަށް ނުހޮވޭ ދަރިވަރުންނަށް އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރާ ތަންތަނުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ، ރާއްޖޭގެ ޒުވާނުންގެ މުސްތަޤުބަލު ބިނާކުރުމަށްޓަކައި ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.