ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން ޔަޒްމީދު އިސްތިއުފާ ދެއްވައިފި


  • ނައިބު ރައީސްގެ މަޤާމަށް ޔަޒްމީދު އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 23ވަނަ ދުވަހު

  • ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް އައްޔަން ކުރެއްވި މެމްބަރު

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވާފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުޙައްމަދަކީ އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެންބަރެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމަށް ޔަޒްމީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23ވަނަ ދުވަހު އޭރު ހުންނެވި ނައިބު ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަދި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި ޚިދުމަތްތަތކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ 9 މެންބަރުންނެވެ.

ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިހުންނަވާ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރިކް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީޢު އާއި، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ.