ޚަބަރު

"ކުރިއަށް އޮތްތަނުގައި އޮސްޓްރޭލިއާއާއެކު ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުން ފުޅާވާނެ"


  • މި ދަތުރުތައް ފެށީ މިއަދު

  • ހަފުތާއަކު ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައި

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ފެށި ދަތުރުތަކާއިއެކު 2 ޤައުމުގެ ދެމެދުގައި އޮންނަ ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވެއްޖެއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ، ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ މެލްބާންއިން ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ވިދާޅުވީ، މިއީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް ފައިދާކުރާނެ ދަތުރުތަކެއް ކަމަށެވެ.

ވަޒީރު އިރުތިޝާމް ވިދާޅުވީ، ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު ދަތުރުފަތުރުގެ ފަސޭހަކަން ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ. މިފެށުނު ދަތުރުތަކަކީ މީގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން މުޅި ދުނިޔޭގައިވެސް ފްލައިޓް ކަނެކްޝަންއަށް އަދި ފަތުރުވެރިން ދަތުރުކުރާ މިންވަރަށް އަސަރުކުރި ކަމަށް ވިދާޅުވިއެވެ. މެލްބާންއާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ، އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނާއި އަދި ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާ ފަރާތްތަކަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެޤައުމުގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ބިޒްނަސް އިންޓްރެސްޓް އިތުރަށް ފުޅާވެގެންދާނެ. އެއީ، ދެޤައުމަށް ފަސޭހަތަކެއް އައިއްސަ އަދި ކަލްޗަރއާއި ދިވެހިރާއްޖޭގެ ފުޑް ކުޒީން ފަދަ އާޓިސްޓިކް ރޮނގުންވެސް މީހުންނަށް ކުރިއަށް ދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގައި ފުރަތަމަ ފްލައިޓުގައި ރާއްޖެއަށް 240 ފަތުރުވެރިން ވަނީ އައިސްފައެވެ. މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ހަފުތާއަކު ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.