ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ނަސްލުހޭދެއް ހިންގަމުންދާ ކަމުގައި އަނެއްކާވެސް ކަނޑައަޅައި، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އެކުވެރި ދައުލަތްތަކުގެ (އދ)ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ގޮވައިލައިފިއެވެ. އެ އިދާރާގެ ވެރިޔާ ފޮލްކަރ ތުރްކު މި މޭރުމުން ގޮވައިލައްވާފައި ވަނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނަސްލުހޭދާ ގުޅޭ ގޮތުން މެއި 18 ވަނަ ދުވަހު ނެރުނު އައު ރިޕޯޓެއްގައެވެ.
އެ ރިޕޯޓުގައި ތުރްކު ވިދާޅުވީ، 2023 އޮކްޓޫބަރުގައި ޔަހޫދީންގެ ޤަތުލުޢާންމު ފެށި ފަހުން އެ ސަހަރުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު "ބޮޑެތި ޖަރީމާތަކެއް" ކަމުގައެވެ. އަދި، އޭގެ ތެރޭގައި ހަނގުރާމައިގެ ކުށްތަކާއި ލާއިންސާނީ ޖަރީމާތައް ހިމެނޭ ކަމުގައެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދު ހުއްޓައިލުމަށް 2024 ވަނަ އަހަރު އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓުން (އައިސީސީ) ކޮށްފައިވާ ޙުކުމަށް ބޯލެނބުމަށް ވެސް އޭނާ ވަނީ ޞަހްޔޫނީ ދައުލަތަށް ގޮވައިލައްވާފައެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމެއް ނެތް ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުން ކަމުގައި އދން ޤަބޫލުކުރެއެވެ. އަދި، ޞިއްޙީ ފަރުވާދޭ މަރުކަޒުތަކާއި ހަސްފަތާލުތަކަށް އަމާޒުކޮށް ޔަހޫދީން ގަސްދުގައި ޙަމަލާދެމުންދާ ކަން ވެސް ތުރްކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ނޫސްވެރިންނާއި، މަދަނީ ދިފާޢީ ޚިދުމަތުގެ މުވައްޒަފުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ފުލުހުންނަށް ވެސް ތަކުރާރުކޮށް ޙަމަލާދެމުންދާ ކަން ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ޣައްޒާގައި ޔަހޫދީންގެ ހައްދުފަހަނައެޅި ސިފައިން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން، އެ ބިމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ފަދަ މާޙައުލެއް ނޫން ކަމުގައި ބުނެ، އދގެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޔަހޫދީން އަތްގަދަކޮށް އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށާއި، އެތައް ހާސް ބަޔަކު ގަދަކަމުން ގެދޮރުން ބޭރުކޮށްފައިވާ ކަން ފާހަގަކޮށް، ތުރްކުގެ ރިޕޯޓުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ޣައްޒާގެ ބޮޑު ސަރަޙައްދެއް ސުންނާފަތިކުރުމާއި، ހުޅަނގު އައްސޭރީގެ އުތުރުގައި ހުރި ރެފިއުޖީ ކޭމްޕުތައް ހަލާކުކޮށްލުމަކީ ފަލަސްޠީނުގެ ރައްޔިތުން ދާއިމަށް އެ ބިމުން ބޭރުކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ޔަހޫދީން ރާވައިގެން ހިންގާ ޖަރީމާއެއް ކަމުގެ ހެކިތަކެއް ހުރިކަމުގައި ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.