ޚަބަރު

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި


  • ނަތީޖާ ދޫކުރަން ފެށީ މިއަދު 12:00އިން ފެށިގެން

  • އިމްތިހާނުގައި 8000އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި

މިދިޔަ ޖެނުއަރީމަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ. މިއަހަރުގެ އިމްތިހާނު ފެށީ، ޖެނުއަރީމަހުގެ 28ވަނަ ދުވަހު އެސްއެސްސީ އިމްތިހާނާއެކުގައެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީޕީއީއިން ބުނީ، އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާއާ ޙަވާލުވުމަށް އެހެން މީހަކު ފޮނުވާނަމަ ދަރިވަރުގެ އައިޑީކާޑާއި ޙަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވަނީ، މިއަދު މެންދުރު 12:00އިން ފެށިގެންނެވެ.

މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،218 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިފަހަރުގެ އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އޯލެވެލް އިމްތިހާނު މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ، 21 ސެންޓަރެއްގައެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ސަރުކާރުން ވަނީ، އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެއީ، އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

މޮކް އިމްތިހާނުން ފާސްނުވިނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މަޖުބޫރެވެ. އިމްތިހާނުގައި ބައިވެރިވާ ފައިސާ ދައްކާނީ، ސަރުކާރުންނެވެ. ކުރިން އުސޫލު އޮތްގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސް ނުވެއްޖެނަމަ، އެ ދަރިވަރަކު އަމިއްލައަށް ފައިސާ ދައްކައިގެން އިމްތިހާނުގައި ބައިވެރިވާން ޖެހޭނެއެވެ.