ޚަބަރު

ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގައި ސްޕޯޓްސް ކައުންސިލަރުންގެ ދައުރު ބޮޑު


  • ވަޒީރުވަނީ ހުރިހާ ބައިވެރިންވެސް މި ހަރަކާތުގައިފުރިހަމައަށް ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފަ

  • މުޖުތަމަޢަކީ ހޭލުންތެރި، ހަރަކާތްތެރި، ގުޅުން ބަދަހި ތަނަކަށްވެގެންދާނެކަމަށް ވަޒީރު ވިދާޅުވި

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ އާބާދީއަކަށްހެދުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ"ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް”ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ "ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގައި ސްޕޯޓްސް ކައުންސެލަރުންގެ ދައުރު ބޮޑުކަމަށް މިނިސްޓްރީއޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ "ހަށިހެޔޮރާއްޖެ" ރީޖަން 2، ބ. އޭދަފުށީގައި އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވެގެންދާ ސްޕޯޓްސް ކައުންސެލަރުންވެގެންދާނީ ގައުމީ ފެންވަރުގައި މިކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ބަޔަކަށްކަމަށެވެ.

އެފަރާތްތައްވެގެންދާނީ ހަމައެކަނި މިޕްރޮގްރާމު ރަށްތަކުގައި ކުރިއަށްގެންދާނެ ފަރާތްތަކަކަށް ނޫންކަމަށާއި އެއީ ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު ހާނުވާ، އެކަމަށް ވަކާލާތުކޮށް، މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ބައެއްކަމަށް ވަޒީރުވިދާޅުވިއެވެ. އަދި ހަމަ އެހެންމެ އެފަރާތްތަކުގެ ނުފޫޒުން އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހޭލުންތެރި، ހަރަކާތްތެރި، ގުޅުން ބަދަހި ތަނަކަށްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސްޕޯޓްސް ކައުންސިލަރުންނަށް ދަންނަވާލަން އޮތީ، ގައުމީފެންވަރުގައި މިކުރެވޭ މަސައްކަތުގައި ތިޔަބޭފުޅުން އަދާކުރައްވަނީ ވަރަށް މުހިންމުދައުރެއް. ތިޔައީ ހަމައެކަނި ހަރަކާތްތަކެއް ކުރިއަށްގެންދާ ބައެއް ނޫން. ތިޔައީ ދުޅަހެޔޮދިރިއުޅުމަކަށް ވަކާލާތުކޮށް، ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކެއް.ތިޔަބޭފުޅުންގެ ނުފޫޒުން، މުޖުތަމައުތަކަކީ މިހާރަށްވުރެ ހަރަކާތްތެރި، ގުޅުން ބަދަހި، އަދި ދުޅަހެޔޮކަމުގެ މުހިންމުކަމަށް ހޭލުންތެރިވެފައިވާ ތަންތަނަށް ހެދިދާނެ"ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ތަމްރީނުވެގެންދާ ސްޕޯޓްސް ކައުންސެލަރުންނަކީ ހަމައެކަނި މި ހަރަކާތުގައި ބައިވެރިވާ ފަރާތަކެއްނޫންކަމަށެވެ.

އެފަރާތްތައްވެގެންދާނީ މުޖުތަމައުގެ ތެރޭގައި ސިއްހީ ދުޅަހެޔޮކަމާއި ކަސްރަތު ޕްރޮގްރާމްތައް އަމަލީގޮތުން ހިންގާނެ މުސްތަގުބަލުގެ ލީޑަރުންނަށްކަމަށެވެ. އަދި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ތެރެއިން އުނގެނޭ މައުލޫމާތާއި، ހުނަރާއި، ލިބޭ ތަޖުރިބާގެ ސަބަބުން، މުޅި މި ސަރަހައްދުގެ ގޭބިސީތަކަށާއި، ޒުވާނުންގެ ގްރޫޕްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ސްކޫލްތަކާއި މުޖުތަމައުތަކަށް އޭގެ ހެޔޮ އަސަރު ފޯރާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޒޯން 2 އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކައިގައި ވަޒީރުވަނީ ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް މި ހަރަކާތުގައިފުރިހަމައަށް ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެކެއްއަނެކެއްގެ ފުށުން އުނގެނި، ތަޖުރިބާތައް ހިއްސާކޮށް، އެފަރާތްތައް ނިސްބަތްވާރަށްރަށުގެ މުޖުތަމަޢާ ގުޅޭނެގޮތަކަށް މި ހަރަކާތް ބައްޓަންކުރެވޭނެ ގޮތްތަކަށްވިސްނާ އެގޮތަށް ކަންކަން ރާވާ ހިންގުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ވަޒީރު އިތުރަށްވިދާޅުވީ އަޅުގަނޑުމެންގެ އަމާޒަކީ އެއް އަމާޒެއްކަމަށާ، އެއަމާޒަށް ވާސިލްވުމަށްއެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއްއުޅުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދޭންޖެހޭކަމަށެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިސްނެންގެވުމުގެމަތިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑްފިޓްނަސްގެ "ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް"ގެ ބެލުމުގެ ދަށުންރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހިންގޭ ޤައުމީ ޕްރޮގްރާމެކެވެ.

ކޮންމެރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަވާ މިނިސްޓްރީ އޮފްޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޕޯޓްސް ކައުންސެލަރުންނެވެ. އަދި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި އެރަށަކުން ލިބެންހުރި ވަސީލަތްތަކާއިރަށުގައި އެކަމުން ތަމްރީނުލިބިފައިވާ ފަރާތްތައް ބޭނުންކުރުމަށް އިސްކަންދެއްވަންވާނެކަމަށްކުޅިވަރު ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.