ޚަބަރު

އިޓަލީގެ 2 ޑައިވަރުންގެ ހަށިގަނޑު ނަގައިފި


  • ގެއްލުނު މި 4 މީހުންގެ ހަށިގަނޑު ލޮކޭޓް ކުރެވުނީ އިއްޔެގެ ވަގުތެއްގައި

  • ޑައިވަރުންގެ ހަށިގަނޑު ނެގުމުގައި ފިންލެންޑްގެ ތަޖުރިބާކާރު 3 ޑައިވަރުން ހަރަކާތްތެރިވޭ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ 4 މީހުންގެ ހަށިގަނޑުވެސް ލޮކޭޓްކުރެވިފައެެވެ.

ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިމީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި 4 ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިމަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، ހާލު ދެރަވެ ނިޔާވެފައެވެ.