ޚަބަރު

"ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމަށް ބޭރު ޤައުމުތަކާއެކު ދަނީ މަޝްވަރާކުރަމުން"


  • މަޝްވަރާތައް ކުރަނީ މޯލްޑިވްސް ފަސްޓް ޕޮލިސީއާ އެއްގޮތަށް

  • ރާއްޖެއަށް ދިމާވެދާނެ ޙާލަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ ގޮތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭރު ޤައުމުތަކާއެކު މަޝްވަރާތައް ކުރައްވަމުންދާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެހެން ޤައުމުތަކާ އެއްގޮތަށް ރާއްޖެއަށްވެސް ތަކެތި ގެނައުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެހެންނަމަވެސް ކާބޯތަކެއްޗާއި، އަސާސީ ސާމާނު އަދި އެ ނޫންވެސް ތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން އެކުވެރި ޤައުމުތަކާއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން ޔޫރަޕުގެ ޤައުމުތަކާއި ޢަރަބި ޤައުމުތަކުގެ ސަފީރުންނާ ގުޅުއްވައި، އެ ޤައުމުތަކުން ރާއްޖެއަށް ފަހިކޮށްދެވެން ހުރި ފުރުސަތުތައް ބައްލަވަމުން ގެންދަވާ ކަަމަށެވެ. ނަމަވެސް މި މަސައްކަތް ކުރައްވަނީ، ސަރުކާރުން ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް" ޕޮލިސީއާ އެއްގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ފަދައިން ފޮރިން ޕޮލިސީގެ ޕްރަޔޯރިޓީ ބަޔާންކޮށް، އޭގެ ކުދި ޖަރީޒާ ޤައުމުތަކަށް ދިމާވާ ދަތިތަކާއި އެގޮތުން އަޅުގަނޑުމެންގެ މިހާރުގެ ސިޓޫއޭޝަނާއި އަދި އެއަށްވުރެވެސް ބޮޑަށް ކުރިމަގުގައި ދިމާވެދާނެ ހާލަތްތަކާއި، ކުރިއަށް އަޅުގަނޑުމެންގެ އެރޭންޖްމަންޓްސްތަކަކީ ކޮބައިތޯ އެކަހަލަ ގޮތަކަށް ވާހަކަތައް ދެކެވި މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް މިވަނީ މަސައްކަތްތަކެއް ކުރެވިފައި،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިރުތިޝާމް ވަނީ، ހަމަނުޖެހުން ހިނގާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ޚާރިޖީ ވުޒާރާއިން ވަރަށް ގާތުން ބައްލަވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެމްބަސީތަކާއި ޤައުމުތަކުގެ ސަރުކާރުތައް މެދުވެރިކޮށް ކުރައްވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.