ހަނގުރާމައަށް ފަހު ޣައްޒާ އަލުން އާރާސްތު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓް
ރަމްޕް އެކުލަވާލައްވާފައިވާ ޞުލްޙައިގެ ބޯޑަށް ޤައުމުތަކުން ފައިސާ ދޭނެ ކަމަށް ވަޢުދުވެފައިވާ ޢަދަދާ ގާތަށް ވެސް ފައިސާ ނުލިބޭ ކަމަށާއި، އަވަސް ގޮތަކަށް އެ ޢަދަދު ހަމަކުރަން ޖެހޭ ކަމަށް އެ ބޯޑުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
ޞުލްޙައިގެ ބޯޑު ރަސްމީކޮށް އުފައްދަވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 22ވަނަ ދުވަހުގައެވެ. އެ ބޯޑުގައި ބައިވެރިވުމަށް 62 ޤައުމަކަށް ދަޢުވަތު ދިން ނަމަވެސް، މިހާތަނަށް ބައިވެރިވެފަައި ވަނީ 25 ޤައުމުންނެވެ. ޢަރަބި ގިނަ ޤައުމުތަކެއް ދަޢުވަތު ޤަބޫލުކޮށް އެ ބޯޑާ ގުޅުނު ނަމަވެސް ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން އެ ބޯޑާ ގުޅިފައެއް ނުވެއެވެ. ބޯޑުގައި ބައިވެރިވާ ޤައުމުތަކުން އެ ބޯޑަށް ޖުމްލަ 17 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހާ ހަމައަށް އެ ބޯޑަށް ލިބިފައި ވަނީ އެ ޢަދަދުގެ ތެރެއިން މަދު ޢަދަދެއް ކަމަށް މީގެ ކުރިން ޚަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެ ރިޕޯޓުތަކަކީ ހަޤީޤަތެއް ނޫން ކަމަށް އޭރު އެ ބޯޑުން ވަނީ ބުނެފައެވެ.
ނަމަވެސް އެ ބޯޑުން އދގެ ސަލާމަތީ މަޖިލީހަށް މެއި މަހުގެ 15ވަނަ ދުވަހު ފޮނުވާފައިވާ ރިޕޯޓެއްގައި ވެސް ބުނީ ޤައުމުތަކު ް ދޭނެ ކަމަށް ވައުދުވި ފައިސާ އަވަސްގޮތަކަށް ލިބޭނެ ގޮތެެއް ހެދުން ކޮންމެހެން މުހިންމު ކަމަށެވެ. ބޯޑަށް ދޭނެ ކަމަށް ބުނެފައިވާ ފައިސާގެ ޢަދަދާއި މިހާތަނަށް ލިބިފައިވާ ޢަދަދުގެ ދެމެދުގައިވާ ފަރަގު ދައްކުވައިދެނީ ކަރުދާހުގައި ކަމެއް ރޭވުމާއި އެ ކަން ޢަމަލީ ގޮތުން ޙާޞިލް ކުރުމާ ދެމެދު އޮތް ފަރަގު ކަމަށް ޞުލްޙައިގެ ބޯޑުން ވަނީ ބުނެފައެވެ. އެ ބޯޑުގައި ނުހިމެނޭ ޤައުމުތަކާއި ޖަމްޢިއްޔާތަކުން ވެސް ޣައްޒާ އަލުން އާެރާސްތުކުރުމަށް ބޯޑަށް ފައިސާ ދިނުމަށް އެ ބޯޑުން ވަނީ ގޮވާލައިފައެވެ.
ޞުލްޙައިގެ ބޯޑުން ފޮނުވި ރިޕޯޓުގައި ޤައުމުތަކުން ވަޢުދުވި ޢަދަދާއި މިހާތަނަށް ލިބިފައިވާ ޢަދަދު ހާމަކޮށްފައެއް ނުވެއެވެ. އަދި ދެ ޢަދަދުގެ ދެމެދުގައި ހުރި ފަރަގު ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
ޞުލްލައިގެ ބޯޑަށް ފައިސާ ދޭނެ ކަމަށް ބުނެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތާއި ޤަޠަރު ހިމެނެއެވެ. އޭގެ އިތުރުން މަޣްރިބާއި އުޒްބެކިސްތާންއާއި ކުވައިތުން ވެސް ފައިސާ ދޭނެ ކަމަށް ބުނެފައިވެއެވެ.
ޞުލްޙައިގެ ބޯޑު މެދުވެރިކޮށް ޣައްޒާ އަލުން އާރާސްތުކުރުމަށް ޚަރަދު ކުރުމަށް ގިނަ ޤައުމުތަކުން ފަސްޖެހެއެވެ. އެ ބޯޑު މެދުވެރިކޮށް ފައިސާ ދިނުމުގެ ބަދަލުގައި އދފަދަ އިދާރާއަކާ ގުޅިގެން އެ މަސައްކަތް ކުރުމަށް ގިނަ ޤައުމުތަކުން މާ ހިތްހަމަޖެހެއެވެ.