ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޠިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، ދިފާއުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލައަކީ، ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ 5ވަނަ ބައްދަލުވުމުގައި، މި ޤަރާރުގެ ބަހުސް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީ ތާއީދުކުރެއްވި ހުށަހެޅުމުގައި ވަނީ، މަޖިލީހުގެ ތަޅުމުގައި މިކަމަށް ބަހުސްކުރުމަށް ޖުމްލަ އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ.
މި ހުށަހެޅުމުގައިވާ ގޮތުން، ބަހުސްގެ ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ވަގުތު ދިނުމަށް ނިންމާފައިވަނީ، ބަހުސް ފެށުމުގެ ކުރިންނެވެ. މި ހުށަހެޅުން ފާސްވެފައިވަނީ، ކޮމިޓީއަށް ހާޒިރުވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާއީދާއެކުގައެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސްކުރެވިގެން ނުވާނެއެވެ. އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާއެއްގައި ބައިވެރިވެ، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު އެ ބޭފުޅަކަށް ލިބިގެންވީ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ، މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުން ކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.