ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު، ތަމްރީނު ދަތުރެއްގައި ސްރީލަންކާއަށް ފުރައިފިއެވެ.
ކޭމްޕަށް ދިއުމުގެ ކުރިން ކުޅުންތެރިންނާ ޖަރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމީޔާތަށް ފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވި ގޮތުގައި މިދަތުރަކީ ލަންކާގެ އެކެޑަމީއަކާ ގުޅިގެން، ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށްޓަކައި ރަނގަޅު ތަމްރީނުތަކެއް ހޯދައިދީ، މެޗުތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށެވެ.
މި ދަތުރަކީ ސްރީލަންކާގެ އެކެޑަމީއަކާ ގުޅިގެން ދާ ދަތުރަކަށް ވާތީ، ޓީމުގެ ކޯޗުގެ އިތުރުން އެ އެކެޑަމީގެ ކޯޗުންގެ އިރުޝާދުވެސް ކުޅުންތެރިންނަށް ލިބިގެންދާނެކަން ފައިސަލް ފާހަގަކުރެއްވިއެވެ.
"ދެން މީގަ އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ ކުޅުންތެރިންނަށް އިތުރު މެޗު ކުޅުމުގެ ފުރުސަތާ އަދި އިތުރު ޓްރެއިނިންގ ފުރުސަތު ހޯދައިދިނުން. ދެން މި ޓުއަރގަ އަޅުގަނޑުމެން މި ތިބެނީ ސްރީލަންކާގެ އެކެޑަމީއަކާ އެއްކޮށް ގުޅިގެން އެތަނުގެ ބެލުމުގެ ދަށުގަ މި ޓްރެއިނިންގތަކާ މެޗުތައް ހިނގަނީ. މީގެއިތުރުން އިތުރު ކޯޗުންގެ ޓްރެއިނިންގގެ ފުރުސަތުވެސް ލިބިގެންދާނެ މި ޓުއަރ ތެރޭގަ" ފައިސަލް ވިދާޅުވިއެވެ.
ޓުއަރ އާ ބެހޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޓީމުގެ މެނޭޖަރ މުޙައްމަދު ފައިސަލް ވަނީ، ސްރީލަންކާއަކީ ކްރިކެޓުގައި އެންމެ ކުރިއަރާފައިވާ އެއް ގައުމުކަން ފާހަގަކުރައްވާ، މި ޓުއަރގެ ތެރެއިން ރާއްޖޭގެ ޒުވާން ގައުމީ ޓީމަށް، މޮޅެތި ކޯޗުންތަކެއްގެ އިރުޝާދު ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ފައިސަލްގެ ވާހަކައިގައި ވަނީ ރާއްޖޭގައި އެކަށީގެންވާ ކްރިކެޓް ފެސިލިޓީއެއް ނެތްކަން ފާހަގަކުރައްވާ، އެހެންކަމުން ލަންކާގެ ފެސިލިޓީތަކުގައި ކުޅެލަން ލިބުމަކީ ކުޅުންތެރިންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
ޓުއަރގެ ތެރެއިން، ލަންކާ ކޯޗުންގެވެސް އިރުޝާދާއެކު ތިން ޕްރެކްޓިސް ސެޝަނެއް ކުރިއަށްދާނެއެވެ. އަދި ލަންކާ ޓީމުތަކާއެކު ތިން މެޗެއް ކުޅުމަށްވެސް ހަމަޖެހިފައިވެއެވެ.
ޓުއަރއަށް ފުރި ޓީމުގައި ވަނީ ބުދަ ދުވަހު ނިމުނު ޖޫނިއަރ ޓީ20 މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ގިނަ ކުޅުންތެރިންތަކެއް ހިމަނާފައެވެ. އެގޮތުން، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކާނި ޓީމުގެ ކެޕްޓަން މުޙައްމަދު ޝިފާން ފާހަގަކުރެވެއެވެ.