ޚަބަރު

"ޓިކްޓޮކްއާއި ޔޫޓިއުބް ކުޑަކުދިންނަށް ރައްކާތެރިއެއް ނޫން"


މީސްމީޑިޔާގެ ދެ މަންސަ ކަމަށްވާ ޓިކްޓޮކްއާއި ޔޫޓިއުބް ކުޑަކުދިން ބޭނުންކުރުން ރައްކާތެރި ނޫން ކަަމަށް އިނގިރޭސިވިލާތުގެ މުވާސަލާތީ ކަންކަން ބަލަހައްޓާ އިދާރާ، އޮފްކޮމްއިން ބުނެފިއެވެ.

އޮފްކޮމްއިން ވަނީ މީސްމިޑިޔާ ބޭނުންކުރާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް މީސްމީޑިޔާގެ ޚިދުމަތްދޭ ކުންފުނިތަކަށް ގޮވާލައިފައެވެ. އެ އިދާރާއިން ވަނީ މަޤުބޫލު ފަސް މަންސައަކުން އެ ގޮވައިލުމަށް އިޖާބަ ދިން ގޮތް ހާމަކޮށްފައެވެ. އެ އިދާރާއިން ބުނީ ޓިކްޓޮކްއާއި ޔޫޓޫބްއާ ދެ ކުންފުނިން ވެސް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދެވޭ ރަނގަޅު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން އެ މަންސަތައް ބޭނުންކުރާ ކުޑަކުދިން، އެުމުރާ ނުގުޅޭ ވީޑިޔޯތަކަށް ހުށަހެޅޭ ކަމަށް އޮފޮކޮމްއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ކުންފުނިތަކުން ބުނަމުން ދަނީ އެ މަންސަތައް މިހާރު ވެސް ރައްކާތެރިވާނެ ކަމަށެެވެ.

އޮފްކޮމްއިން ބުނީ އެ އިދާރާގެ ހޯދުންތަކުން ދައްކާ ގޮތުގައި މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ވެސް މި މަންސަތައް ބޭނުންކުރުމުަގައި ކުޑަކުދިންނަށް ނުރައްކާތައް ހުރި ކަމަށެވެ. ނަމަވެސް ޓިކްޓޮކްއިން ވަނީ އެ ކުންފުނީގެ މަންސަ ދިފާޢުކޮށްފައެވެ. ޓިކްޓޮކްއިން ބުނީ އެ ކުންފުނިން މިހާރު ވެސް ތަންފީޒު ކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް އޮފްކޮމުން ފާހަގަކޮށްފައި ނުވާ ކަމާމެދު ހިތާމަކުރާ ކަމަށެވެ. އެ ކުންފުނިން މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މެސެޖު ނުކުރެވޭ ގޮތް ހެދުން ހިމެނެއެވެ. ޔޫޓިއުބްއިން ވެސް ވަނީ އެ މަންސައިގެ ޝޯޓްސް ފީޑް ބޭނުން ކުރުމުގައި ބެލެނިވެރިން އިޚްތިޔާރުކުރާ ޓައިމް ލިމިޓެއް ލެވޭނެ ގޮތް ހަދާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި އުމުރާ ގުޅޭ ގޮތަށް އެ މަންސައިން ތަޖުރިބާތައް ލިބޭނެހެން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ތަޖުރިބާކާރުންނާއެކު އެ ކުންފުނިން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީސްމީޑިޔާ މަންސަތަކުގައި ހުންނަ ވީޑިޔޯތަކާ ގުޅޭގޮތުން އިދާރާތަކާއި ޢާންމުން ވިސްނާ ގޮތް ބަދަލުވަމުންދާ ކަމަށް ކަމާ ގުޅޭ ތަޖުރިބާކާރުން ދަނީ ފާހަގަކުރަމުންނެވެ. މީގެ ކުރިން ކަންބޮޑުވުން އޮންނަނީ މީސްމީޑިޔާ މަންސަތަކުގައި ހުންނަ އުމުރާ ނުގުޅޭ ވީޑިޔޯތައް އެ މަންސަތަކުން ފުހެވެލޭ ހަލުވިމިނާ މެދުގައެވެ. ނަމަވެސް މިއަދު އުފެދޭ ސުވާލަކީ މަންސަތަކުން އެ ފަދަ ވީޑިޔޯތައް ކުޑަކުދިންނަށް އެއްވެސް މިންވަރަށް ދައްކަން ޖެހުނު ސަބަބަކީ ކޮބައިތޯ ކަން އެ ބޭފުޅުން ފާަހަގަކުރައްވައެވެ.

އޮފްކޮމްގެ އިސްވެރިޔާ، މެލަނީ ޑޭވްަސް ވަނީ މީސްމީޑިޔާ ބޭނުންކުރުމުގައި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ އިދަާރާއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތައް ދިފާޢުކޮށްފައެވެ. އޭނާ ވަނީ މީސްމީިޑިޔާ ކުންފުނިތަކުން ޚިދުމަަތް ދިނުމުގައި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށައަޅާފައިވާ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުނުކުރާ ނަމަ އެ ކުންފުނިތަކާ ދެކޮޅަށް ރަސްމީ ތަހުޤީޤުތައް ކުރާނެ ކަަމުގެ އިންޒާރު ދެއްވައިފައެވެ.

އޮފްކޮމުން ބުނެފައިވާ ގޮތުގައި 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން 84 އިންސައްތަ ކުދިން މީސްމީޑިޔާ މަންސަތަކުގެ ތެރެއިން އުމުރުން 13 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ކޮންމެވެސް އެއް މަންސައެއް ބޭނުންކުރެއެވެ. އޮފްކޮމުން ބުނީ ވަކި އުމުރެއްގެ ކުދިން ބޭނުންކުރާ ގޮތަށް ތަައްޔާރުކޮށްފައިވާ މަންސަތައް އުމުރުން މާ ހަގު ކުދިން ބޭނުން ކުރުން މަންސަތަކުން ނުހުއްޓުވުމަކީ އެ ކަމާ އޮފްކޮމުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޓިކްޓޮކްއާއި ޔޫޓިއުބްއިން ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅުތައް ނޭޅި ނަމަވެސް މީސް މީޑިޔާގެ ޚިދުމަތްދޭ ސްނެޕްއާއި ރޯބްލޮކްސްއާއި މެޓާ ފަދަ ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ މަންސަތައް ބޭނުންކޮށްގެން ކުޑަކުދިން ގްރޫމް ކުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވެފައެވެ. އޮފްކޮމުން ވަނީ މި ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް ތަންފީޒު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ފާހަގަކޮށްފައެވެ.