ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދިޔަ ޤަތުލުޢާންމު މެދުކަނޑައިލައި، ޢުދުވާނީ ޙަމަލާތައް މަދުކޮށްފައިވީ ނަމަވެސް އެ ސަހަރުގެ ރައްޔިތުންނަށް އޮތް ބިރުވެރިކަން ކުޑަވެފައިނުވާ ކަމަށާއި، އާރާސްތުކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަން ސުލްޙައިގެ ބޯޑުގެ މެންބަރަކު ހާމަކުރައްވައިފިއެވެ. އެ ބޯޑުން ވަނީ ޣައްޒާގެ އެންމެ ފަހުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް، އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
އެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސުލްޙައިގެ ބޯޑުގެ މަންދޫބު، ނިކޮލައި މުއަދޭނޮފް ވިދާޅުވީ ޞަހްޔޫނީންގެ ޙަމަލާތަކުގައި ޣައްޒާގެ އުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށްލާފައިވާ ކަމަށާއި، އެ ސަހަރުގައި 70 މިލިޔަން ޓަނުގެ ކުނިބުނި އުފެދިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ނުގޮވައި ހުރި ގިނަ އަދަދެއްގެ ނުރައްކާތެރި ބޮން ހުރި ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ޣައްޒާގެ ސުންނާފަތިކޮށްލާފައިވާ ބިންތަކަށް ވެރިވެފައިވާ ބިރުވެރިކަމަކީ ބަޔާންކުރަން ދަތި ޙާލަތެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސުފަކުރެއެވެ.
ޣައްޒާގައި ހަތިޔާރުގެ އަޑު ހިމޭންވެ، ކާބޯތަކެތީގެ އެހީ ލިބޭ މީހުންގެ އަދަދު 400,000 އިން ދެ މިލިޔަނަށް އިތުރުކުރެވިފައިވާ ކަން މުއަދޭނޮފް ފާހަގަކުރެއްވިއެވެ. ނަމަވެސް، މިއީ ސުންނާފަތިކޮށްލާފައިވާ ބިންތަކާއި އިމާރާތްތައް އާރާސްތުކުރުމުގެ ގޮތުގައި ސިފަކުރެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ. "މި މަޖިލީހުގެ ކުރިމަތީގައި ހުރެ ޣައްޒާގެ ޙާލަތަކީ ރިކަވަރީއެއް ކަމަށް އަޅުގަނޑު ނުބުނާނަން،" އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ޢުދުވާނުގެ ސަބަބުން މިލިޔަނަކަށްވުރެ ގިނަ މީހުން އަދިވެސް ދާއިމީ ބޯހިޔާވަހިކަމެއް ނެތި، ފޭލިގެތަކުގައި ނިކަމެތި ޙާލުގައި ދިރިއުޅެމުންދާއިރު، އެ މީހުން އަދިވެސް ތަހައްމަލުކުރަމުން ދަނީ ބިރުވެރި އަދި ނުރައްކާތެރި ޙާލަތެކެވެ.
ސުލްޙައިގެ ބޯޑުގެ ރިޕޯޓަށް މަރުޙަބާ ދަންނަވައި ވާހަކަފުޅު ދައްކަވަމުން ސަލާމަތީ މަޖިލީހުގައި އެމެރިކާ ތަމްސީލުކުރައްވާ މަންދޫބުގެ ނައިބު ޓެމީ ބްރޫސް ވިދާޅުވީ، ޣައްޒާ އަލުން އާރާސްތުކުރުމަށް އެ ބޯޑުން ކުރަމުންދާ މަސައްކަތްތަކަށް ވޮޝިންގޓަނުން ތާޢީދުކުރާ ކަމުގައެވެ. ނަމަވެސް، "ޣައްޒާ އާރާސްތުކުރުމާއި، ދެމެހެއްޓެނިވި ރައްކާތެރިކަމާއި، ހަމަޖެހުމާއި، ތަރައްޤީ ޔަގީންކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި،" ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ހުރިހާ ފަރާތަކުން ގުޅިގެން މަސައްކަތް ކޮށްގެން މި ކަންކަން ޙައްލުކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޔަހޫދީ ފައުޖުން ތަންފީޒުކުރަމުންދާ ލާއިންސާނީ ޙިޞާރާއި ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ސަބަބުން ޣައްޒާގައި ނިކަމެތިކޮށްލާފައިވާ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ކަމުގައި ވެސް ސަލާމަތީ މަޖިލީހާ މަޢުލޫމާތު ޙިއްޞާކުރައްވަމުން މުއަދޭނޮފް ވިދާޅުވިއެވެ. އަދި، އިންސާނީ އެހީގެ ކަންކަމަށް އޮތް ހުރަސްތަކުގެ ސަބަބުން، ޣައްޒާގެ ރައްޔިތުންގެ އިތުބާރު ގެއްލި، ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ އިންޒާރު އޭނާ ކުރެއްވިއެވެ.