ޢީދު ބަންދަށް އެއާޕޯޓުން ފުރާ ދަތުރުވެރިން ވަގުތަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން އިލްތިމާސް ކުރައްވައިފިއެވެ.
އެމްއޭސީއެލްއިން ވަނީ، މިއަހަރުގެ އަޟުޙާ ޢީދު ބަންދާއި ދިމާކޮށް ގިނަ ޢަދަދެއްގެ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރާނެ ކަމަށް ލަފާކުރެވޭތީ، މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓު ބޭނުން ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
ޚާއްސަކޮށް މި ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އެންމެހާ ދަތުރުވެރިންވެސް ވަގުތަށް ޚާއްސަ ސަމާލުކަމެއް ދެއްވުމާއެކު، އެއާލައިންތަކުން ދެއްވާ އިރުޝާދަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މި ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.