ޚަބަރު

އަންހެން ވޮލީ ޓީމަށް ދުނިޔޭގެ 63ވަނަ، އޭޝިއާގެ 12ވަނަ


  • އެފްއައިވީބީގެ ރޭންކިން ސިސްޓަމުގައި ރާއްޖެ ހިމެނުނު ފުރަތަމަ ފަހަރު

  • ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ޤައުމުތަކުގެ ތެރޭގައި ރާއްޖެ

ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާ، އެފްއައިވީބީގެ ރޭންކިންގައި ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު، ދުނިޔޭގެ 63 ވަނައިގައި ރޭންކު ކޮށްފިއެވެ.

ފާޙަގަކޮށްލަން ޖެހޭ ގޮތުގައި މިއީ އެފްއައިވީބީގެ ރޭންކިން ސިސްޓަމްގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ހިމެނުނު ފުރަތަމަ ފަހަރެވެ.

އެފްއައިވީބީން އާންމުކޮށްފައިވާ ރޭންކިން އިން ދައްކާގޮތުން، އަންހެން ރޭންކިންގައި ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެ އިދާރއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ރޭންކިންގައި 63 ވަނަ ލިބެނީ 52 ޕޮއިންޓާއެކުއެވެ.

ދެވަނައަށް ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމުތަކަކީ ވެސް ދެކުނު އޭޝިއާގެ ތިން ގައުމެމެ. އެއީ ބަންގްލަދޭޝްއާއި ނޭޕާލެވެ. ނޭޕާލް އަށް ރޭންކިންގެ 60 ވަނަ ލިބޭއިރު ބަންގްލަދޭޝްއަށް ލިބެނީ 67 ވަނައެވެ.

ޖުމްލަ 93 ގައުމު ހިމެނޭ ރޭންކިންގައި ރާއްޖެއަށް އޭޝިއާ ސަރަހައްދުން ލިބެނީ 12 ވަނައެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އެއްވަނަ ލިބެނީ ނޭޕާލަށެވެ. ރާއްޖެއަށް ދެވަނަ ލިބޭއިރު ތިންވަނަ ލިބެނީ ބަންގްލަދޭޝްއަށެވެ. އަދި އިންޑިއާ އޮތީ ހަތަރުވަނައިގައެވެ. ދެކުނު އޭޝިއާގެ ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަށް ރޭންކިން އިން ފުރުސަތު ލިބިފައިނުވެއެވެ.