ޚަބަރު

15 ރަށެއްގެ ލެބޯޓަރީ ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ


  • ޖޫން 8 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރޭޝަން ޝީޓް ފުރަންޖެހޭ

  • ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުން

15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.

ޞިއްޙީ ވުޒާރާއިން ވަނީ ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެޚިދުމަތް ޤާއިމްކުރުމަށްޓަކައި ލެބޯޓަރީއަށް ޚާއްސަ އިމާރަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި 15 ރަށެއްގެ ޞިއްޙީ މަރުކަޒު ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

ލެބޯޓަރީ އިމާރާތް ތަރައްޤީކުރާ ރަށްތައް:

- ރ. ފައިނު
- ނ. ކުޑަފަރި
- ނ. ފޮއްދޫ
- ބ. ކުޑަރިކިލު
- ބ. ދޮންފަނު
- މ. ރަތްމަންދޫ
- ލ. މުންޑޫ
- ލ. ކުނަހަންދޫ
- ށ. ގޮއިދޫ
- ހއ. މުރައިދޫ
- ހދ. ކުމުންދޫ
- ހދ. ނައިވާދޫ
- ތ. އޮމަދޫ
- ތ. ގާދިއްފުށި
- އދ. ދިއްދޫ

މި ރަށްތަކުގައި ލެބޯޓަރީ އިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން [email protected] އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުޞަތު ޞިއްޙީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

15 ރަށެއްގައި ލެބޯޓަރީ ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެޚިދުމަތް ޤާއިމްކުރުމަށް ޞިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.