ޚަބަރު

ޣައްޒާގެ ރައްޔިތުން ޙައްޖަށްދާން ޔަހޫދީން ހުރަސްއަޅަނީ


ޣައްޒާއަށް ވަދެނިކުތުމަށް ޔަހޫދީން ހުރަސްއަޅަމުންދާތީއާއި ސަރަޙައްދީ ރޮނގުތައް ބަންދުކޮށްފައި އޮތުމުން ޣައްޒާގެ އެތައް ހާސް ރައްޔިތުންނަކަށް ޙައްޖުގެ މަތިވެރި އަޅުަކަން ޢަދާ ނުކުރެވިފައި ތިބި ކަމަށް އެ ސަހަރުގެ އަވްޤާފް އަދި ދީނީ ކަންތައްތަކާ ގުޅޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި ރަފަޙް ހުރަސް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފާއިތުވި ތިން އަހަރުގެ ތެރޭގައި 10،000އަށްވުރެ ގިނަ މީހުން ޙައްޖަށް ނުދެވިފައި އެބަ ތިއްބެވެ. 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށީންސުރެ ޣައްޒާއިން މިޞްރަށް ހުރަސް ކުރުމަށް އޮންނަ މައި މަގު ކަމަށްވާ ރަފަޙް ހުރަސް އޮތީ އެއްކޮށްހެން ބަންދުކޮށްފައެވެ. މިދިޔަ ފެބްރުއަރީ މަހު އެ މަގު ވަނީ ޞިއްޙީ ފަރުވާ ބޭނުންވާ މަދު ބަޔަކަށް ހުރަސްކުރެވޭނެހެން ކޮންމެ ވެސް މިންވަރަކަށް ހުޅުވާލައިފައެވެ.

ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މީގެ ކުރިން ޙައްޖަށް ދިޔުމަށް ހޮވިފައިވާ 71 މީހުން، ޙައްޖުގެ ފަރުޟު ޢަދާ ނުކުރެވެނީސް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ.

ޣައްޒާއަށް ވަދެ ނިކުތުން ކޮންޓްރޯލް ކުރަނީ ޔާހޫދީންނެވެ. 2007ވަނަ އަހަރުން ސުރެ ވެސް ޙައްޖަށާއި ތަޢުލީމަށާއި މަސައްކަތަށް ޣައްޒާއިން ބޭރުވުމަށް ޔަހޫދީން ވަރަށް ބޮޑަށް ދަތިކުރެއެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން ނަމެއްގައި ޙަމަލާ ދިނުން ހުއްޓައިލުމުން، ޣައްޒާގެ ރައްޔިތުން އުންމީދުކޮށްގެން ތިބީ ޙައްޖުގެ މަތިވެރި އަޅުކަން ޢަދާ ކުރުމަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ނަަމަވެސް މި އަހަރުގެ ޙައްޖު މޫސުން މިހާރު ފެށިފައިވާ އިރު، ޙައްޖަށް ދިޔުމަށް މީގެ ކުރިން ހޮވިފައިވާ އެތައް ބަޔަކު ދަތުރުނުކުރެވިފައި އަދިވެސް އެބަ ތިއްބެވެ. ފަލަސްޓީނިއަން ސެންޓަރ ފޮރ ޕޮލިޓިކަލް ސްޓަޑީޒް، ޕީސީޕީއެސްއިން ޝާޢިރުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޣައްޒާގައި ހިންގަމުން ދިޔަ ޙައްޖާއި ޢުމްރާގެ ޚިދުމަތް ދެމުން ދިޔަ 78 ކުންފުނި ވަނީ ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ހިންގުން ހުއްޓާލައިފައެވެ. އެ ދާއިރާއާ ގުޅުންހުރި 1،500 ވަޒީފާ ގެއްލިފައިވާއިރު، ދާއިރާއަށް ލިބިފައިވާ ގެއްލުން 4 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ހަނގުރާމައިގެ ކުރިން އެ ދާއިރާއިން ޣައްޒާގެ އިޤްތިޞާދަށް އަހަރަކު ގާތްގަނޑަކަށް 12 މިލިޔަން އެމެރިކާ ޑޮލަތު ދިޔައީ ލިބެމުންނެވެ.

ޕީސީޕީއެސްގެ ރިޕޯޓުގަައި ބުނީ ޙައްޖާއި ޢުމްރާގެ ވިޔަފާރިއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ގެއްލުންތަކުން ދައްކުވައިދެނީ ޔަހޫދީން އެ ދާއިރާއަށް ގަސްތުގައި ގެއްލުން ދެމުންދާ ކަން ކަމަށެވެ. އެ ދާއިރާ ނައްތައިލުމަކީ ވަކި ބަޔަކު އިސްތިސްނާ ނުކޮށް އަދަބު ދިނުން ކަމުގައި ޤާނޫނީ ގޮތުން ބެލެވޭނެ ކަމަށާއި، އެއީ ހަތަރުަވަނަ ޖެނީވާ މުއާހަދާގެ 33ވަނަ މާއްދާއިން މަނާ ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. ދީނީ އަޅުކަމެއް ފުރިހަމަ ކުރުމަށް ޣައްޒާގެ ރައްޔިތުން ދަތުރުކުރުން ހުރަސްއެޅުމަކީ ވެސް މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހަތަރުވަނަ ޖެނީވާ މުއާހަދާގައި އާންމުންގެ މުދާ ރައްކާތެރިކޮށްދޭ 34ވަނަ މާއްދާއަށް ވެސް ޔަހޫދީންގެ ޢަމަލުތައް ފުށުއަރާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ޙައްޖާއި ޢުމްރާއާ ގުޅުންހުރި އިދާރާތަކުން ބުނީ ޣައްޒާއިން ނިކުމެވޭނެ މަގުތައް ބަންދުވެފައި އޮތުމުގެ ސަބަބުންނާއި ދަތުރުކުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުން ޙައްޖަށް މީހުން ގެންދިޔުމުގެ އެއްވެސް އިންތިޒާމެއް ހަމަނުޖެއްސޭ ކަމަށެވެ. ޙައްޖަށް މީހުން ފޮނުވުމަށް ޚާއްޞަ އެއްބަސްވުންތައް ދުރާލާ ޤާއިމްކުރަން ޖެހެއެވެ.

ޣައްޒާގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޣައްޒާގެ ރައްޔިތުން ޙައްޖަށް ދިޔުމަށް ޔަހޫދީން ހުރަސްއެޅުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އު ވުޒާރާއިން ވަނީ ސަޢުދީ ޢަރަބިއްޔާއާއި މިޞްރުގެ ކިބައިން، ޣައްޒާގެ ރައްޔިތުންނަށް ޙައްޖަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ގޮވާލައިފައެވެ.