ޚަބަރު

"ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި، ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް"


  • އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުން

  • ޙައްޖު ދުވަހަކީ ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ

ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

1447 ވަނަ އަހަރުގެ ޙައްޖު ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމަ އާއި ޘަވާބު ދެއްވުން އެދިވަޑައިގެން ދުޢާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ޚާއްޞަ މެސެޖެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.

އެކްސްގައި ހިއްސާކުރެއްވި މި މެސެޖުގައި އެމަނިކުފާނު މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ، ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ.

ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ވަނީ ސޯޝަލް މީޑިއާގެ އެކްސްގައި ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީންވެސް މިވަގުތު ތިބީ ޢަރަފާތު ބިމުގައެވެ. އަދި ހުރިހާ ޙާޖީންގެ ހާލުވެސް މިވަގުތު ރަނގަޅުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މުޅި އިސްލާމީ އުންމަތް މިއަދު ފާހަގަކުރަމުންދާ ޢަރަފާތު ނުވަތަ ޙައްޖު ދުވަހަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނާ މެދު އެންމެ ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހެވެ. އެކަލާނގެ ހަނދުމަކޮށް ފުއްސެވުމާއި ދިންނެވުން ހޯދުމަށް އެތައް މިލިޔަން މުސްލިމުން ޢަރަފާތު ބިމުގައި މުޅި ދުވަސް ހޭދަކުރާ ދުވަހެވެ. މިއަދަކީ، ވެރިއެއް، މުއްސަންޖެއް، ފަޤީރެއް އާދައިގެ މީހެއް ތަފާތުކުރުމެއް ނުވާ މުސްލިމުންގެ ހަމަހަމަކަން ދައްކުވައިދޭ ދުވަހެވެ. މިއަދަކީ މާތްﷲ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަސްކަމުގައިވަނީ ލައްވަވާފައެވެ.

ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި اللهއަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވޭ މަތިވެރި އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން 5 ވަނަ ރުކުނެވެ. ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ.