ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަން: މުޅި ދިރިއުޅުން ބަދަލުކޮށްލާ ނަސީބުވެރި ދަތުރެއް


  • ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ ގޮތުގެ ފުރިހަމަ އިރުޝާދުވަނީ ދެއްވާފައި

  • މިއަޅުކަން ފުރިހަމަކޮށްފި މީހަކީ މަންމަގެ ބަނޑުން އުފަންވި ދުވަހު ހުރި ފަދަ ސާފުތާހިރު މީހެއް

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މާތް ތައުފީޤު ލިބިފައިވާ ކޮންމެ މީހަކީ، މި ބިންމަތީގައި ތިބި އެންމެ ބޮޑު ނަސީބުވެރިންގެ ތެރެއިން ހިމެނޭނެ މީހެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މިއީ ހަމައެކަނި ދަތުރެއް ނޫނެވެ. މިއީ އިންސާނާގެ ރޫޙާނިއްޔަތު އައުކޮށް، މުޅި ދިރިއުޅުމުގެ މިޞްރާބު ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ސީދާކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި މަތިވެރި އަޅުކަމުގެ ތެރޭގައި ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ އިންސާނާގެ ކުށްފާފަތަކުން ސާފުތާހިރުވެ، އައު ދިރިއުޅުމެއްގެ ފެށުން ތަނަވަސްކޮށްދޭ މުހިންމު ވަގުތުކޮޅެކެވެ.

ޙައްޖުގެ އަޅުކަން ފަރުޟުކުރައްވައި، އެކަން އަދާކުރަންޖެހޭ ގޮތުގެ ފުރިހަމަ އިރުޝާދު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބަޤަރާ ސޫރަތުގެ 197 ވަނަ އާޔަތުގައި ބަޔާންކުރައްވާފައެވެ. އެ އާޔަތުގެ މަފްހޫމަށް ބަލާއިރު، ޙައްޖު ފަރުޟުވެއްޖެ މީހަކު އަނބިފިރިކަމުގެ ގުޅުން ހިންގުމާއި، އުރެދުމުގެ އެއްވެސް ކަމެއް ކުރުމާއި، ޖަދަލުކޮށް އަރާރުންވުން ފަދަ ކަންކަމުން މުޅިން ދުރުހެލިވާންޖެހެއެވެ. އަދި މި މާތް ދަތުރުގެ ކޮއްތެއްގެ ގޮތުން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ތަޤުވާވެރިކަން ކަމުގައި އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންކަމުން، އަޅުގަނޑުމެން އެދޭ "މަބްރޫރު ޙައްޖަކީ" ﷲ އަށް ތަޤުވާވެރިވެ، އެކަލާނގެ އެންގެވި ގޮތުގައި، ދުލާއި ހަށިގަނޑު ރައްކާތެރިކޮށްގެން އަދާކުރާ އަޅުކަމެކެވެ.

ލޮބުވެތި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، އެއްވެސް އުރެދުމަކަށް އަރައިނުގަނެ، އަދި ދެބަސްވުމަކާއި ނުލައި ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފި މީހާ އެނބުރި އަންނާނީ، އޭނާގެ މަންމަގެ ބަނޑުން އުފަންވި ދުވަހު ހުރި ފަދަ ސާފުތާހިރު ހާލަތެއްގައެވެ. މިއީ މުޅި ދިރިއުޅުން ބަދަލުކޮށްލާ ފަދަ މަތިވެރި ނިޢުމަތެކެވެ. ދިގު ހަޔާތެއްގައި ކުރެވިފައިވާ އެތައް ފާފައަކުން ސާފުވެ، ކާމިޔާބު މީހެއްގެ ގޮތުގައި އެނބުރި ވަޠަނަށް ދިއުމުގެ ފުރުޞަތު ލިބުމަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ޝަރަފެވެ. މިކަމުގެ ސަބަބުން އިންސާނާގެ ހިތަށް ލިބޭ ހަމަޖެހުމާއި، އީމާންތެރިކަމުގެ ފުންމިނަކީ އެހެން އެއްވެސް ކަމަކުން އިޙްސާސްކުރެވޭނެ އެއްޗެއް ނޫނެވެ.

"ދުނިޔޭގެ އެތައް މިތަނުން، ކުލަ ތަފާތު، މިޒާޖު ތަފާތު، އެންމެން އެދޭ އެދުންތައްވެސް ތަފާތު، އެންމެން ﷲގެ ދަރުބާރުގައި ހަމަ ކީރިތިވެ ރޮވެ ހޭރި ދަންނަވަމުން މިދަނީ، އޭ ﷲ ތިމަންނަގެ ފާފަ ފުއްސަވާންދެއްވާންދޭވެ. އެހުރިހާ އެއްޗެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ހާލުގައި އެތައް މިލިޔަން ބައެއްގެ އެ އުދާސްތައް އަޑުއައްސަވާ އެންމެންނަށް ވަރަށް މަތިވެރި ޝަރަފެއް އެ ދެއްވަނީ. ދާށޭ، އެންމެންގެ ފާފަ ފުއްސަވާދެއްވައިފީމޭ. އެހެންވީމަ ޙައްޖުގެ މި މާތް އަޅުކަން ނަސީބުވެފައިވާ ކޮންމެ މީހަކީ ހަމަ ހަގީގަތުގައި ދުނިޔެ މަތީގައި ތިބި އެންމެ ބޮޑު ނަސީބުވެރިންނޭ ބުނުމަކުން ދޮގަކަށް ނުވާނެ." ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޙައްޖު ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ރުކުނަކީ ޢަރަފާތުގެ ބިމުގައި މަޑުކުރުމެވެ. އެއީ މުޅި ދިރިއުޅުމުގެ ތަޞްވީރު ބަދަލުކޮށްލާ މަންޒަރެކެވެ. އެ ވަގުތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން، މަލާއިކަތުންގެ ކުރިފުޅުމަތީގައި އެކަލާނގެ އަޅުންނާމެދު ފަޚުރުވެރިވެވޮޑިގަންނަވާ ވަގުތެވެ. އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ހާލުގައިވެސް، މި އަޅުން އައީ ކީއްކުރަންތޯ މަލާއިކަތުންނާ ސުވާލުކުރައްވައި، އެންމެހާ ޙައްޖުވެރިންގެ ފާފަ ފުއްސަވައިދެއްވިކަމަށް ހެކިވެވޮޑިގަންނަވައެވެ. މިއީ މަޙްޝަރުގެ މައިދާނުގެ ކުޑަކުޑަ ނަމޫނާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، ތަފާތު ކުލަތަކާއި މިޒާޖުގެ އެތައް މިލިޔަން ބަޔަކު، އެއް ހެދުމެއްގައި، އެއް ބިމަކަށް ޖަމާވެ، ކީރިތިކޮށް ރޮއެ ދަންނަވަމުންދާ މަންޒަރަކީ ހިތްތަކަށް އަސަރުކުރުވާ މަންޒަރެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ޙައްޖު މަހުގެ 8، 9، 10، 11، އަދި 12 ވަނަ ދުވަހު ހޭދަކުރަނީ ﷲއަށް ޛިކުރުކުރުމުގައެވެ. 8 ވަނަ ދުވަހު އިޙްރާމް ބަނދެގެން މިނާއަށް ގޮސް، ދުލާއި ހިތް ރައްކާތެރިކޮށްގެން މަޑުކޮށްލުމަށްފަހު، 9 ވަނަ ދުވަހަކީ ބިންމަތީގައިވާ އެންމެ މާތް ދުވަހެވެ. އެ ދުވަހު ޢަރަފާތުގެ މާތް ބިމުގައި މެންދުރު ނަމާދާއި އަޞްރު ނަމާދު ޖަމްޢުކޮށް ގަޞްރުކޮށްގެން އަދާކޮށް، ﷲ ގެ ހަޟްރަތުގައި ދެންނެވުމުގައި ވަގުތު ހޭދަކުރުމުން ލިބޭ ނަތީޖާއަކީ، މަންމަގެ ބަނޑުން އުފަންވި ފަދަ ސާފުތާހިރު ދަރިއެއްގެ ގޮތުގައި އެނބުރި އައުމުގެ އުފަލެވެ. މަބްރޫރު ޙައްޖެއްގެ ސަވާބަކީ ހަމައެކަނި ސުވަރުގެ ކަމުގައި ލޮބުވެތި ނަބިއްޔާ ﷺ އަންގަވާފައިވާއިރު މިއީ ލިބިގެންދާނެ ބޮޑު ނަސީބެކެވެ.

ޙައްޖުގެ މިމަތިވެރި ދަތުރުން އަޅުގަނޑުމެން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ ކެތްތެރިކަމާއި ތަޤުވާވެރިކަމުގެ ސިފައިން ޒީނަތްތެރިވުމެވެ. ގިނަ މީހުންނަށް މި ފުރުޞަތު ލިބެނީ ހަޔާތުގެ ފަހުކޮޅުގައި، 60 ނުވަތަ 70 އަހަރުގެ ތެރޭގައެވެ. އެހާތަނަށް ކުރެވިފައިވާ ހުރިހާ ފާފައެއް ފުއްސަވައިދެއްވުމަކީ ރަޙުމާންވަންތަ ރަޙީމްވަންތަ އިލާހު އަޅުގަނޑުމެންނަށް ދެއްވާ ވަރަށް ބޮޑު ޝަރަފެކެވެ. އެހެންކަމުން، މި ލިބުނު މަތިވެރި "ސެޓިފިކެޓް" ނުވީދައި، ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި އެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ހަމައެކަނި މަގެވެ.