ޚަބަރު

މިމަހުގެ މުސާރަ 28 އަދި 31ގައި ޖަމާކުރާނެ


  • މިގޮތަށް އިންތިޒާމުތައް ހަމަޖެއްސީ ބޭންކު ހުޅުވޭ ދުވަހަށް ރިޢާޔަތްކޮށް

  • މިމަހުގެ 28އަކީ ބަންދު ތެރޭގައި ބޭންކު ހުޅުވާ ދުވަސް

  • ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ 31ގައި

މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޢީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ. އަދި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި 28 މެއި ވާ ބުރާސްފަތި ދުވަހުއެވެ.

ޢީދު ބަންދާއި ދިމާކޮށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި، އިނާޔަތްތައް ދިނުމާއި ގުޅޭ ގޮތުން މާލީ ވުޒާރާއިން ވިދާޅުވީ ދެދުވަހު މުސާރަ ދޭގޮތަށް އިންތިޒާމުތައް ތަރުތީބު ކުރީ، އަޟްޙާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އެހެން ކަމުން ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމުގައިވާ މޭ މަހުގެ 28 އަދި ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ ދުވަހު 31 މެއި ގައި މުސާރައާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް އެވުޒާރާގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ، އެ މަހެއްގެ ރަސްމީ ބަންދުނޫން ފަހު ތިން ދުވަހުގެ ތެރޭގައި ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން މާލިއްޔަތު ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރަމުންދާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.