ޚަބަރު

"ޑައިމަންޑް ޖުބިލީ މުބާރާތަކީ ހާލަތު ދެނެގަންނަން ލިބޭ ފުރުސަތެއް"


  • ކޮންމެ މެޗެއްގައި ތަފާތު ފުރަތަމަ 11 އެއް ފެނުމުގެ ފުރުސަތު އެބައޮތް

  • ޒުވާން ކުޅުންތެރިންނަށް ބޮޑެތި ފުރުސަތުތަކެއް ދޭނެ

ކުރިއަށް އޮތް ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އޮތް ހާލަތު ދެނެގަންނަން ލިބޭ ބޮޑު ފުރުސަތެއްކަމަށް ޤައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އުރުބާނީ ބުނީ، ކޯޗުގެ ގޮތުގައި ވެސް އަދި ޓެކްނިކަލް ޑިރެކްޓަރުގެ ގޮތުގައި ވެސް، ޑައިމަންޑް ޖުބިލީ މުބާރާތުން ގިނަ ކަންތައްތަކެއް ރާއްޖޭގެ ފުޓުބޯޅައާ ގުޅޭގޮތުން ދެނެގަނެވޭނެ ކަމަށެވެ.

އަދި މި މުބާރާތުގައި އެ ހާލަތު ދެނެގަތުމަށްޓަކައި ބައެއް ބަދަލުތައް ގެނެސް، ބައެއް ކަންކަން ކުރާނެކަން އުރުބާނީ ހާމަކުރިއެވެ.

"ހަމައެކަނި ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާޙަގަކުރާ ސެލެބްރޭޝަނެއްގެ ގޮތުގައެއް ނޫން މި މުބާރާތް އަހަރެން ދެކެނީ. މިއީ އަހަންނަށް ކޯޗެއްގެ ގޮތުގައި ވެސް އަދި ޓެކްނިކަލް ޑިރެކްޓަރުގެ ގޮތުގައި ވެސް ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތު ދެނެގަންނަން ލިބޭނެ ވަރަށް ރަނގަޅު ފުރުސެއް. އެހެންވީމަ އަހަރެން ގެންނާނަން ބައެއް ބަދަލުތައް. ކުރާނަން ބައެއް ކަންކަން ޒުވާން ކުޅުންތެރިން ބޭނުންކޮށްގެން. ހަމައެކަނި ސްކޮޑަށް އަންނަ ބަދަލުތަކެއް ނޫން. ފުރަތަމަ 11 އިންވެސް އެ ބަދަލުތައް ފެންނާނެ". އުރުބާނީ ބުންޏެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އުރުބާނީ މީގެކުރިން ވަނީ، މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅޭ ކޮންމެ މެޗެއްގައި ބޭނުންކުރާ ފުރަތަމަ 11 އިން، ބޮޑެތި ބަދަލުތަކެއް ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފައެވެ.

އުރުބާނީ ފާހަގަކުރި ގޮތުގައި މިހާރު ވެސް އޭނާގެ ވިސްނުމުގައި، ކޮންމެ މެޗަކަށް ވެސް އެކުލަވާލާނެ ފުރަތަމަ 11 އެއް އެބައޮތެވެ. އެހެންނަމަވެސް ފަރިތަކުރުންތަކުގައި ކުޅުންތެރިން ކުރާ މަސައްކަތާއި ދައްކާ ކުޅުމަށް ބެލުމަށްފަހު އެ 11 އަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތްކަން ވެސް އޭނާ ހާމަކުރިއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، އެކުވެރިކަމުގެ މެޗުތަކެއް ވެސް އަންނަނީ ކުޅެމުންނެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކުލަބާއެކު ވެސް އަދި ޒުވާން ގައުމީ ޓީމާއެކު ވެސް ޕްރެކްޓިސް މެޗުތަކެއް ވަނީ ކުޅެފައެވެ.

އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ބައިވެރިވަނީ ރާއްޖޭގެ އިތުރުން ޕާކިސްތާން، އަފްޣާނިސްޠާން އަދި ބަންގްލަދޭޝްއެވެ.