ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އެހެން ކުލަބަކަށް ދާން ބޭނުންވާކަން އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް އޭނާގެ ކުލަބު ސްޕޭނު އެތްލެޓިކޯ މެޑްރިޑަށް އަންގައިފި އެވެ.
ޔޫރަޕުގެ ގިނަ ކުލަބުތަކުން ބޭނުންވާ 26 އަހަރުގެ ފޯވަޑް ބަދަލުވާން ބޭނުންވަނީ ސްޕޭނުގެ ބާސެލޯނާ އަށެވެ. އޭނާގެ ނިންމުން އެތްލެޓިކޯ އަށް އެންގީ އެ ކުލަބުން ކޮންޓްރެކްޓް އާކުރަން ހުށަހަޅާފައިވަނިކޮށެވެ. މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ސިޓީއިން އެތްލެޓިކޯ އަށް ބަދަލުވި ކުޅުންތެރިޔާގެ ކޮންޓްރެކްޓްގައި ބާކީ އަދި ހަތަރު އަހަރު އެބައޮތެވެ. ނަމަވެސް ކުޅުންތެރިޔާ ކުލަބުން ދާން ބޭނުންވުމުން އެތްލެޓިކޯއިން މިހާރު ވަނީ ގޮތެއް ނިންމަން ޖެހިފަ އެވެ.
އެކުލަބުން މިހާތަނަށް ބުނަމުން އައީ އޭނާއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި ވިއްކި ނަމަވެސް ސްޕޭނުގެ ކުލަބަކަށް ނުވިއްކާނެ ކަމަށެވެ. ބާސެލޯނާގެ އިތުރުން އޭނާ ގަތުމަށް މަސައްކަތް ކުރަނީ އާސެނަލް އާއި ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އެވެ. ނަމަވެސް ކުޅުންތެރިޔާ ބޭނުންވަނީ ބާސެލޯނާ އަށް ބަދަލުވާން ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
އެތްލެޓިކޯއިން އޭނާ ބާސެލޯނާ އަށް ވިއްކާނަމަ ބޮޑު އަގެއް ކިޔާނެ ކަމަށް ބެލެވެ އެވެ. އެއީ 100 މިލިއަނާއި 150 މިލިއަން ޔޫރޯއާ ދެމެދުގެ އަގެކެވެ. މި އަގު ކުޑަކުރާނަމަ އެކުލަބުން ބޭނުންވާ ބާސެލޯނާގެ ކުޅުންތެރިއަކު ހިމަނަން ޖެހޭނެ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިން އަލްވަރޭޒް އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. އަދި ބާސެލޯނާއިން އަންނަ ސީޒަނަށް އެންމެ ބޭނުންވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.