ކުޅިވަރު

ނިއުކާސަލްގެ އެންތަނީ ގޯޑަން ބާސެލޯނާ އަށް


ނިއުކާސަލްގެ ހަލުވި އެޓޭކިން މިޑްފީލްޑަރު އެންތަނީ ގޯޑަން ސްޕޭނުގެ ބާސެލޯނާ އަށް ބަދަލުވާން ނިންމައިފި އެވެ.

އިނގިރޭސިވިލާތިގެ ކުޅުންތެރިޔާ ވިއްކާލަން ނިއުކާސަލްއިން އެއްބަސްވީ 80 މިލިއަން ޔޫރޯ އަށެވެ. މީގެ ތެރެއިން 75 މިލިއަން އެއް ފަހަރާ ދައްކަން ޖެހޭނެ އެވެ. އަނެއް ބައި ދޭން ޖެހެނީ ކުޅުންތެރިޔާ ހާސިލްކުރާ ކުރިއެރުންތަކަށް ބަލައިގެންނެވެ.

މިއީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން ނިންމި ފުރަތަމަ ޓްރާންސްފާ އެވެ. މި ކަމަށްޓަކައި ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އިނގިރޭސި ވިލާތަށް ދަތުރުކޮށްފައިވާއިރު ގޯޑަންގެ އެޖެންޓް މިވަގުތުވީ ސްޕޭނުގަ އެވެ. އަދި ކުޅުންތެރިޔާ ވެސް މިއަދުގެ ފަސް ވަގުތެއްގައި ބާސެލޯނާ އަށް ދަތުރުކޮށް މެޑިކަލް ފުރިހަމަ ކުރަން ހަމަޖެހިފައިވާ ކަމަށް ދެ ގައުމުގެ މީޑިއާތަކުން ވެސް ބުނެ އެވެ.

އުމުރުން 25 އަހަރުގެ ގޯޑަން ގަތުމުގެ ރޭހުގައި އިނގިރޭސި ބޮޑެތި ކުލަބުތަކާއި ޖަރުމަނުގެ ބަޔާން މިއުނިކަށްވުރެ ބާސެލޯނާ އަށް ކުރި ލިބުނީ ކުޅުންތެރިޔާ ބާސެލޯނާ އަށް ކުޅެން ބޭނުން ވުމުންނެވެ.

އޭނާގެ އިތުރުން ބާސެލޯނާއިން އެތްލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވަޑް ހޫލިއަން އަލަވަރޭޒް ގަތުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ގަންނަން ބާސެލޯނާއިން ފުރަތަމަ ހުށަހެޅީ 75 މިލިއަން ޔޫރޯ އާއި ފެރަން ޓޮރޭޒެވެ. ނަމަވެސް އެތްލެޓިކޯއިން ވަނީ މި ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.