ޚަބަރު

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސާއި ބޮޑުވަޒީރަށް


  • މިއަދަކީ ނޭޕާލްގެ ރައްޔިތުން ތަރައްޤީއަށް ކުރި ދަތުރު ހަނދާންކުރަންޖެހޭ ދުވަސްކަމަށް ވިދާޅުވި

  • ދެޤައުމުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވި

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ސޯޝަލް މިޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައިވަނީ ނޭޕާލް ރައީސް ބަލެންޑްރާ ޝާހުއާއި، ބޮޑުވަޒީރު ރާމްޗަންދްރާ ޕައުޑެލްއަށާއި، ނޭޕާލްގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދަކީ ނޭޕާލްގެ ރައްޔިތުން ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުންތައް ފާހަގަކުރުމުގެ ދުވަސްކަމަށެވެ. އަދި ޤައުމުގެ މުއްސަނދި ސަގާފަތާއި ޤައުމުގެ ތަފާތު ކަންކަމާއެކު ޤައުމު ބިނާކުރުމަށް ނޭޕާލްގެ ރައްޔިތުން ކުރަމުންދާ މަސައްކަތް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާއި ނޭޕާލާއި ދެމެދު އޮތް ބަދަހި ގުޅުމަށް ރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންނަށް މަންފާކުރާނެ ކަންކަމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުން ކުރިއަށްއޮތްތަނުގައި އިތުރު ދާއިރާތަކުންވެސް ގުޅުން ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.