ޚަބަރު

މުދަލަކީ ނިޢުމަތެއް، އެއީ އެހެން މީހުންގެ ހައްޤުވެސް އެކުލެވޭ އަމާނާތެއް!


  • ދަރަނި ނެގުންފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވުމަށް ގޮވާލެއްވި

  • މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި ފޭރުންފަދަ ކަންކަމުން ދުރުހެލިވުން މުހިއްމު

ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަތުމުން ދުރުހެލިވާން ޖެހޭކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "ހޭދަކުރުމުގައި އިޤުތިޞާދުކުރުން" މި މަޢުޟޫއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، މުދަލަކީ އަހަރެމެންނަށްޓަކައި ލައްވާއިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތްﷲ ކަމަށެވެ. އަދި މުދަލަކީ އަހަރެމެން އިމްތިހާނު ކުރެއްވުމަށް ޙަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށް ވިދާޅުވިއެވެ. އަދި އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތް ކުރާންވާނެ ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައިވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވަނީ، މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަން ކުރުމާއި ރިޝްވަތުދިނުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރެއްވި ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

" މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަން ކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތް ކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަން. މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުން ދިނުމާއި، މުދާ ހަލާކު ކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫން." ޚުތުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާންޖެހޭކަން ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ހުކުރު ޚުތުބާގައި ވަނީ، ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭކަމަށާއި، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުވުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި ދަރަނި ނަގައިގެން ޚަރަދު ކުރާންޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ނިންމަވާލެއްވީ، މިފަދަ ކަންކަމާ މެދު ވިސްނައި، މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުތައް ސީދާކުރުމަށް ގޮވާލައްވަމުންނެވެ.